English Edition
Dhivehi Edition

އިޔާޒު ޖާދު ﷲ ނަސީމް ނުވަތަ އާއްމު ނަމުންނަމަ އިޔާޒު ނަސީމަކީ އައްޑޫމީދޫއަށް އުފަން މީދޫގެ ލޭ ހިނގާ ދަރިއެެކެވެ. އިޔާޒުގެ ބައްޕައަކީ ސ.މީދޫ ސައިރިއަސް ޖާދު ﷲ ނަސީމެވެ. މަންމައަކީ ސ.މީދޫ ހުދުވިލާގޭ ރަހުމާ ޒާހިރެވެ. ގްރޭޑް ހަތަކާ ހަމަޔަށް ތައުލީމު ހާސިލްކުރީ މީދޫ ސްކޫލުންނެވެ. ސާނަވީ ތައުލީމު ހާސިލްކުރީ އައްޑޫ ހިތަދޫ ސަދަން ސެކަންޑަރީ ސްކޫލުންނާއި މާލޭ އީޕީއެސްއެސް އަދި މާލޭ އިންގްލިޝް ސްކޫލް (އެމް.އީ.އެސް) އިންނެވެ. މަތީ ސާނަވީ ތައުލީމު ހާސިލްކުރީ ޕާކިސްތާނުންނެވެ. އެއަށް ފަހު، އެޑްވާންސްޑް ސަރޓިފިކެޓް އިން ޕްރައިމަރީ ހެލްތު ކެއަރއާއި ޑިޕްލޮމާއިން ޕްރައިމަރީ ހެލްތު ކެއަރ ހާސިލު ކުރީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސް އިންނެވެ. ސިއްހީ ދާއިރާއިން ތައުލީމު ހާސިލް ކުރުމަށްފަހު، ރާއްޖޭގެ ބައެއް ރަށްރަށުގެ ހެލްތު ޕޯސްޓުތަކާއި ސިއްހީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތައް ހިންގުމުގައި ޚިދުމަތްކޮށްފައިވެއެވެ.

ސިއްހީ ދާއިރާގައި ޚިދުމަތްކުރި ދުވަސްވަރު ހުޅުދޫމީދޫ ސިއްހީމަރުކަޒުގައި ވެސް ޚިދުމަތްކޮށްފައިވެއެވެ. އިޔާޒު ފުރަތަމަ ޑިގްރީ ހާސިލްކުރީ ދިވެހިބަހުގެ ދާއިރާއިންނެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިންނެވެ. އެއަށްފަހު ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މައިކޮލެޖުން ސެޓިފިކެޓް ކޯހެއް ފުރިހަމަ ކުރިއެވެ. އަދި ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ޗައިނީޒް ބަހުގެ ކޯހެއް ފުރިހަމަ ކުރިއެވެ. ކުޑައިރު ރަށުގައި ހުރެ، ރަށުގައި ތިބި އަރަބި ބަހުގެ އުސްތާޒުންގެ އަރިހުން އަރަބި ބަސް ކިޔެވުމަށްފަހު އަދި ޕާކިސްތާނުގައި ކިޔެވި ދުވަސްވަރު ވެސް އަރަބި ބަސް ކިޔަވައި، އަރަބި ބަހަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން އަރަބި ބަހުން އެޑްވާންސްޑް ސެޓިފިކެޓް ހާސިލްކުރީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. އޭގެ ފަހުން އަރަބި ބަސް ކިޔަވައިދިނުމުގެ ދާއިރާއިން ޑިޕްލޮމާ އާއި އޮނާރޒް ޑިގްރީ ހާސިލްކުރީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީންނެވެ.

އަރަބި ބަހުން ވާހަކަ ދައްކަން ފަރިތަކުރުމުގެ ގޮތުން އޮމާނުން ތަމްރީނު ހޯދިއެވެ. އަދި އެވިޑް ކޮލެޖުން މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ފުރިހަމަ ކުރިއެވެ. އަދި އަރަބި ބަހުގެ ދާއިރާއިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓާޒް ޑިގްރީ ހާސިލުކުރިއެވެ. މިވަގުތު އިޔާޒު ދަނީ ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރުމަށް ކިޔަވަން ޖެހޭ މޮޑިއުލްތައް ނިންމައި ތީސީސްގެ މަސައްކަތް ކުރަމުންނެވެ. އިޔާޒު ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސީޓީއާއި ދިވެހިރާއަޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިތުރުން މަންދުކޮލެޖާއި އެވިޑް ކޮލެޖުގައި ލެކްޗަރަރއެއްގެ ގޮތުން ތަފާތު އެތައް މާއްދާއެއް ކިޔަވައިދީފައެވެ. ވަކީން ޚާއްސަކޮށް ގާނޫނީ ދާއިރާގެ ކޯސްތަކުގައި ބަހުގެ މާއްދާތަކާއި ކްރިޓިކަލް ތިންކިންގ ފަދަ މާއްދާތައް ކިޔަވައިދީފައިވެއެވެ. ބަހުގެ ދާއިރާއިން އިޔާޒު ވަނީ މިހާތަނަށް 32 ފޮތް ޝާއިއުކޮށްފައެވެ.

އިޔާޒަކީ ދިވެހިބަހާއި ތާރީޚާއި ގައުމިއްޔަތުގެވެސް ޚިދުމަތްތެރިއެކެވެ. ދިވެހިބަހުގެ އެކަޑެމީގެ ބަސް ކޮމިޓީގައި އެތަކެެއް އަހަރު ޚިދުމަތް ކުރިއެވެ. އަދި ދިވެހިބަހުގެ އެކަޑެމީގެ މެންބަރުކަން ވަނީ ކޮަށްފައެވެ. މިހާރުވެސް ގެންދަނީ ކުރަމުންނެވެ. ފަލަކީ އިލްމާއި ބަހުގެ އިލްމާއި ތާރީޚު އިލްމުގެ މައްޗަށް އެތަކެއް ލިޔުމެއް ލިޔެ ޝާއިއުކޮށްފައިވެއެވެ. ރޯދަމަހުގެ ހަނދު ސާބިތުކުރާ ކޮމިޓީގައިވެސް އެތަކެއް އަހަރު ޚިދުމަތްކޮށްފައިވެއެވެ. އިޔާޒު ވަނީ 2004 އިން ފެށިގެން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ސްޕީޗް ލިޔެދިނުމާއި ގާނޫނު ޑްރާފްޓް ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ގާނޫނީ ވަކީލުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި މިހާތަނަށް ބޭރު ބަހަކުން ދިވެހި ބަހަށް ލަައިވްކޮށް ތަރުޖަމާ ކޮށްދިން ހަމައެކަނި ތަރުޖަމާނަކީ ވެސް އިޔާޒެވެ.

އިޔާޒުގެ ސިޔާސީ ހަރަކާތްތަކަށް ބަލާއިރު 2003 ވަނަ އަހަރުން ފެށިގެން ޑިިމޮކްރަސީގެ ހަރަކާތްތަކުގައި ސިޔާސީ ގޮތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިޔާޒު ވަނީ ސިޔާސީ މައްސަލަތަކުގައި ޖަލުގައި ވެސް ދުވަސްތަކެއް ހޭދަކޮށްފައެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ޚުދުމުޚުތާރުކަން ކަނޑުވާލައި ޑިމޮކްރަސީގެ ސިފަތައް އަށަގެންނެވުމުގެ މަސައްކަތުގެ ކުރީކޮޅު އިޔާޒުވަނީ އެ މަސައްކަތުގައި ވަރަށް އިސް އަމަލީ ދައުރެއް އަދާކޮށްފައެވެ. ޖަލުގެ ގޮޅިތަކުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނީ އެގޮތުންނެވެ. ފާހަގަކޮށްލެވޭ އެއްހާދިސާގެ ގޮތުން 2004 ވަނަ އަހަރުގެ ސުނާމީގެ ކާރިސާގެ ވަގުތުވެސް އިޔާޒު ތަޖުރިބާ ކުރީ ދޫނިދޫގައި ހުރެގެންނެވެ. ބޮޑުބޭބެއަކު ނިޔާވެގެން މޫނުދުށުމަށް ސަހަރާއަށް ގެންދިޔައީވެސް ޖަލުން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އައްޑޫގެ ދެފަޅި ގުޅުވައިދޭ ބްރިޖުގެ މުހިއްމުކަމުގެ މައްޗަށް 2008 ވަނަ އަހަރުން ފެށިގެން އާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތާއި ހުޅުމީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ވަކާލާތު ކުރުމުގަައިވެސް އިޔާޒު ފާހަގަ ކޮށްލެވެއެވެ. މީދޫގެ އެތައް ދަރިވަރަކަށް ރާއްޖެއިން ބޭރުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އިޔާޒު ވަނީ ހޯދާދީފައެވެ. އަދި މީދޫގަައި ތިބެގެން ޑިގްރީ ހާސިލްކުރުމަށް އެވިޑް ކޮލެޖުން ފަހިކޮށްދިން ފުރުސަތުތައް ހޯދައިދިނުމަށް އިޔާޒު ކުރީ ފާހަގަ ކޮށްލެވޭ މަސައްކަތްތަކެކެވެ.

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާ ތަމްސީލު ކުރުމަށް ރައްޔިތުންގެ ފަރާތުން ފުރުސަތަކަށް އެދިގެން އިޔާޒު މިފަހަރު ކުރިމަތިލީ މިދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ފުރިހަމަ ތަސައްވުރެއް އޮވެގެންނެވެ. ސަރުކާރާ ގުޅިގެން ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެއްސޭނެ ކަމުގެ ޔަގީންކަން އޮވެގެންނެވެ. އިޔާޒުގެ ކެމްޕޭން ޝިއާރެއްގައި ބުނާފަދައިން ގުޅިގެން އެންމެން އެކުގައި ކުރިއަށް ދިއުމަށްޓައެވެ. ތަރައްގީގެ އުސްމިންތަކަށް ވާސިލްވުމަށްޓަކައެވެ. ދާއިރާއަށް ތަރައްގީ ގެނެވޭނީ ސަރުކާރާ ގުޅިގެންކަމަށްވާތީއެވެ.