English Edition
Dhivehi Edition
މަޑިވަރު އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި މ. މުލީ އެއާޕޯޓް، މިއަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ޅ. މަޑިވަރު އެއާޕޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 30 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓުތައް ގާއިމުކުރުން ކަމަށެވެ. އަދި މިހާރު މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް ހުޅުވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއާޕޯޓް ހުޅުވިގެންދާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި މ. މުލީ އެއާޕޯޓް، މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެކަމަށެވެ،

އިތުރަށް ރައީސް ވިދާޅުވީ ގައުމެއް ތަރައްގީ ކުރުމުގައި އެންމެ މުހިންމު އެއް ވަސީލަތަކީ އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ދަތުރުކުރެވުމާއި މުދާ ގެންދެވުން ކަމަށާއި މަޑިވަރުގައި ހުޅުވި އެއާޕޯޓުގެ ސަބަބުން އެކަންތައްތައް ފަހިވެގެންދާނެކެމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަޑިވަރު އެއާޕޯޓު ބޭނުން ކުރަން ފެށުމަކީ ޅ. އަތޮޅުގެ ރައްޔިތުންގެ އިތުރުން އެ އަތޮޅުގައި ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.