English Edition
Dhivehi Edition

މި އަހަރު ނިމުމުގެ ކުރިން ގއ، ގދ ގައި އާރްޓީއެލްގެ ޚިދުމަތް ފަށާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން ރާއްޖޭގެ ރަށްތައް ކަނޑުމަގުން ގުޅާލުމަށް އާރް.ޓީ.އެލްގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށެވެ.

އާރް.ޓީ.އެލްއާއެކު ހެޔޮ އަގުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ނިޒާމު ފަހިވެފައިވާ ކަމަށާއި މިހާރު އެ ޚިދުމަތް ފަށާފައިވާ އަތޮޅުތަކުން މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

“މި ސަރުކާރުން ރާއްޖެ ތަރައްޤީކުރުމުގެ ފުރިހަމަ ޕްލޭނެއް އެބައޮތް. ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްޤީކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުން. އެގޮތުން މިހާރުވެސް އެއަރޕޯޓްތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން. މިހާތަނަށް އައިއިރު ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ 80 ޕަސެންޓު ވަނީ ނިންމާފަ.” މިނިސްޓަރ އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިހަރު ކުރިއަށްދާ މަޝްރޫޢުތަކާއި، ފެށުމަށް ނިންމާފައިވާ މަޝްރޫޢުތަކާއެކު އިތުރު އެއަރޕޯޓެއް ރާއްޖޭގައި ހަދާކަށް ނުޖެހޭނެކަމަށެވެ. ނަމަވެސް އިތުރު އެއަރޕޯޓްތައް ހަދަން ނުޖެހުނަސް، އެންމެ ކުރިން ރާއްޖޭގައި ހަދާފައިވާ އެއަރޕޯޓުތައް މަރާމާތު ނުވަތަ އައު ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫސިޓީ ގަމާއި ކޫއްޑޫއާ ދެމެދު ފްލައިޓްތައް ބޭވުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި ކުރިއަށް އޮތް ތަނުގައި ދެކުނުގައި އޮތް 6 އެއަރޕޯޓް ގުޅުވާލެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.