English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާ ސަރަހައްދުން ކޮނެގެން ވެލިނެގުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އޭނާ މި މައްސަލަ ހުށަހެޅުއްވީ ކުއްލި މައްސަލައެއްގެ ގޮތުގައެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ސެންބެ ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، ކަނޑުގެ ވަރަށް ދުރު ސަރަހައްދަކުން ނަގާފައިވާ ވެލި، އެ ޕްރޮޖެކްޓަށް ބޭނުން ކުރުމަށްފަހު، ބާކީވާ ވެލިން 45000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުން ކުރުން އެންމެ ރަނގަޅު ކަމަށް އެންވަޔަރަމެންޓަށް ޕްރޮޓެކްޝަން އޮތޯރިޓީން ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް ފަރެސްމާތޮޑާގެ ފުޓުބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާ ވެލި، އެއާޕޯޓު ޕްރޮޖެކްޓްގެ ތެރެއިން ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު މަޝްވަރާކޮށްގެން ވެސް، ވެލި ނުލިބުމުގެ ސަބަބުން އެ މަސައްކަތް ފެށިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަަކަށް ވެލި ގެންދިއުމަށް ފަރެސްމާތޮޑާއާ ގުޅިފައިވާ އެއްވެސް ހިސާބަކުން ކޮނެގެން ވެލި ގެންދިއުމަކީ ގަވާއިދާ ޚިލާފަށް ކުރަމުންދާ ކަމަކަށްވާތީ މިހާރުން މިހާރަށް އެކަން ހުއްޓާލުމަށް އިދިކޮޅު ޕީޕީއެމް ގެ މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލާފައި ވެއެވެ.

މި މައްސަލަ ބަލައިގަނެ، މަޖިލީހުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން މައްސަލަ ބަަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އެހެންނަމަވެސް މައްސަލައާ ދެކޮޅަށް 32 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ސެންބެ މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، ފުވައްމުލައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ފަރެސްމާތޮޑާ ސަރަހައްދުން ވެލި ނަގާތީ އެކަން ހުއްޓުވައިދިނުމަށް ފަރެސްމާތޮޑާއިން ވެސް ވަނީ އެދިފައެވެ.

ފަރެސްމާތޮޑާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެލި ނަގަނީ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދަ ވެސް ނެތި ކަމަށެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން ރަށުގައި ހިންގާ ބައެއް މަޝްރޫތައް ވެސް ވެލި ލިބުމުގެ ދައްޗާ ހެދި އެންމެ އެކަށީގެންވާގޮތަށް ކުރިއަށް ނުގެންދެވޭ ކަމަށާއި އެގޮތުން ފަރެސްމާތޮޑާގައި ހަދަން އުޅޭ ފުޓުބޯޅަ ދަނޑަކަށް ބޭނުންވާ ވެލި ވެސް އެރަށާ ގުޅިފައިވާ ސަރަހައްދުން ވެލި ނުލިބިގެން ކުރިއަށް ނުގެންދެވޭކަން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

ހަމަމިއާއެކު އެރަށުގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ވެސް ނަގަން ހަމަޖެހިފައި ވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

ރަށުގެ ބޭނުމަށް އެ ސަރަހައްދުތަކުން ވެލި ނުނެގޭ އިރު، އީޕީއޭގެ ހުއްދަވެސް ނެތި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުން ކޮނެގެން 45،000 ކޮޑިމީޓަރުގެ ވެލި، ފުވައްމުލަކަށް ގެންދާ ގެންދިއުމަކިީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރައްވާ ކަމެއް އެ ބަޔާނުގައިވެއެވެ.

އެހެންވެ މިހާރުން މިހާރަށް އެކަންހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ފަރެސްމާތޮޑާ ކައުންސިލުން ގޮވާލާފައިވެއެވެ.