English Edition
Dhivehi Edition
އަލްމަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ތައުބީނުގެ ޖަލްސާގެ ތެރެއިން ފޮޓޯ: ދިވެހި ބަހުގެ އެކަޑަމީ

ދިވެހިބަހުގެ އެކެޑަމީން ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތިން ޅެން ފޮތް ނެރެފިއެވެ.

ރޭ ހުޅުމާލެ ޣާޒީ ސުކޫލުގެ ހުސްބިމުގައި ޅެންވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޖައުފަރު ކަމާލުއްދީންގެ ޅެންތައް އެކުލެވޭ ފޮތެއްގެ އިތުރުން ޚަޔާލާތެނަސީމުގެ ޅެންފޮތް އަދި މިއަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކޮށްފައިވާ އުތީމް އާދަމް އަބްދުއްރަހުމާން (އުތީމް އާދަމްބެ)ގެ ހާއްސަ ޅެން ފޮތެއް ވަނީ ނެރެފައެވެ.

ރޭގެ ޖަލްސާގައި އެކަޑެމީގެ ދައުވަތަކަށް ވާހަކަދެއްކުންތެރިކަމުގެ ގޮތުން ނަމޫނާ ތިން ވާހަކަދެއްކުންތެރިން ޅެންވެރިކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މި ގޮތުން ޅެންވެރިކަމުގެ އަސާސީ ބަހާތަކުގެ މައްޗަށް އަބްދުލް މުއީދް ހަސަން ވާހަކދައްކަވާފައިވާއިރު، ޅެންވެރިކަމުގެ މުހިންމުކަމާއި ހާއްސަކަމުގެ މައްޗަށް މުހައްމަދު އާދަމް ސަލީމް ވަނީ ވާހަކަދައްކަވާފައެވެ. މީގެ އިތުރުން ނަސްމާ އަބްދުލް މުހްސިން ވަނީ ޒަމާނީ ޅެންވެރިކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކާފައެވެ.

މި ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކަޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ވިދާޅުވީ ކުރިއަށް އޮތް މާދަރީބަހުގެ ދުވަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮތްޕެއް ކަމުގައިވާ ސްޓޫޑެންޓް އިނީޝިއޭޓިވް އާޓްސް (ސިއާ)އާ ގުޅިގެން ވަރަށް ކުލަގަދަކޮށް ބާއްވާނެކަމަށެވެ. އަދި އެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖާލްސާއެއްގެ ތެރޭގައި ޅެން ބަހުސެއް ކުރިއަށް ގެންދާނެކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ.