ފުވައްމުލަކުގެ ސްކޫލްތަކުންނާއި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މިއަހަރުގެ ޅެންވެރިންގެ ދުވަސް ފުވައްމުލަކުގައި ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ.
ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން “އަފުންގެ ޅެންވޭރުން”ގެ ނަމުގައި، ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެން ފުވައްމުލަކުގެ ޅެންވެރިން ވަނީ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކު ރަސްމީ ބޯޅަދަނޑުގެ ސްޓޭޖުގައި ޚާއްޞަ ހަރަކާތެއް ބާއްވާފައެވެ.
ފުވައްމުލަކު ސިޓީ ގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޟިރާރު ޝަރަފުވެރި ކޮށްދެއްވެވި މި ހަފްލާގައި ފުވައްމުލަކުގެ ޅެންވެރިންގެ ޅެންވެރިކަމުގެ މަސައްކަތްތަކާއި ހުނަރުތައް ދައްކާލުމާއި ސްކޫލް ތަކުގެ ދަރިވަރުންގެ ހަރަކާތްތަކެއް ވެސް ވަނީ ދައްކާލާފައެވެ. އެގޮތުން ވާދަ ރައިވަރާއި ބައިތުބާޒީ އާއި ޅެންވެރިއަކާއެކު ހަވީރު ކުރުމާއި ޅެން ބަހުސް ފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް އިއްޔެ ވަނީ މި ދުވަސް ފާހަގަ ކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ވެސް ޅެންވެރިކަމާއި ގުޅުން ހުރި ގިނަ ޕްރޮގްރާމު ތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިވެހި ރާއްޖޭގައި ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ އަދަބިއްޔާތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވެވި މަޝްހޫރު އަދަބީ ފަންނާނު އުސްތާޒު އިބްރާހިމް ޝިހާބު (ބަގީޗާގެ މާލެ) އަވަހާރަވީ ދުވަހާއި ގުޅުވައިގެން އިބްރާޙިމް ޝިހާބުގެ ހަނދާނުގައެވެ. އެއީ 1988 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ.
މިއަހަރުގެ ރާއްޖޭގައި މި ފާހަގަ ކުރަނީ ރާއްޖޭގެ 32 ވަނަ ޅެންވެރިންގެ ދުވަހެވެ. މި އަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްސަ ކުރައްވާފައި ވަނީ، ދިވެހި ޝާއިރީ ބަގީޗާގެ ‘ނަރުގިސްމާ’ އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ހަނދާނުގައެވެ. މި އަހަރުގެ ޝިއާރަކަށް ހައްދަވާފައިވަނީ، އެ ކަމަނާގެ ޅެމެއްގެ ކަމުގައި ‘އޭ ދިވެހި ގައުމާއެވެ’ އިން ނަންގަވާފައިވާ ‘ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި …’ މި ޝިއާރެވެ.