މިއަދަކީ 2020 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ކަމުގައިވާތީ ޝަރަފުއްދީން ސްކޫލުގައި ޅެންވެރިންގެ ދުވަސް ފާހަގަކޮށްފިއެވެ. އެ ސްކޫލުގައި ޅެންވެރިންގެ ދުވަސް ފާހަގަ ކުރީ މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވި ވަރަށް ޚާއްޞަ އެސެމްްބްލީއެއްގައެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ އެސެމްބްލީގައި އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުގެ އިސްވެރިން ބައިވެރިވިއެވެ.
އެސެމްބްލީގައި އެ ސްކޫލުގެ ދަރިވަރުން، ޅެންވެރިންގެ ދުވަހާއި ބެހޭގޮތުނާއި ރާއްޖޭގެ ފުންނާބުއުސް ބައެއް ޅެންވެރިނާ ބެހޭ ގޮތުން މަޢުލޫމާތު. ހުށަހެޅިއެވެ އެގޮތުން މިއަހަރުގެ ޅެންވެރިންގެ ދުވަސް އެޅެންވެރިއަކަށްޓަކައި ޚާއްޞަކޮށްފައިވާ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނާއި ދިވެހި ޅެންވެރިކަމުގެ އުދަރެހުގެ ‘އުޖާލާވި ރަންތަރި’، އަލްއުސްތާޛު އަލްމަރްހޫމް މުޙައްމަދު ޖަމީލުދީދީ އާއި ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރުވެފައިވާ ‘ޝާއިރުއް ޝަބާބު’ އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހިމް ޝިހާބާއި ބެހޭގޮތުން މަޢުލޫމާތު ހުށަހެޅިއެވެ.
އަދި މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިޔާރު ކަމުގައި ކަނޑައަޅުއްވާފައިވާ ” ރީތި ނަލަނަލަ ހަނދެއް ކުރި އަލީގައި” މި ޅެން އެ ސްކޫލުގެ ދަރިވަރުން އެސެމްބްލީގައި ހުށަހެޅިއެވެ.
އެ އެސެމްބްލީ ޝަރަފްވެރިކޮށް ދެއްވީ އައްޑޫގެ ޅެންވެރިއެއް ކަމަށްވާ ސ.ހިތަދޫ ޑައިމަންޑްވިލާ އަލްފާޟިލް އަޙްމަދު ނާސިރެވެ. އެސެމްބްލީގައި ނާސިރު ޅެންވެރިކަމާއި ބެހޭގޮތުން ތަފާތު މައުލޫމާތުތައް ދަރިވަރުންނާއި ހިއްސާ ކުރެއްވިއެވެ. އަދި ޅެންވެރިކަމަކީ މާ އުނދަގޫ ކަމެއް ނޫންކަމަށާއި މަސައްކަތް ކޮށްފިނަމަ ކޮންމެ ކުއްޖަކަށްވެސް ޅެންވެރިއަކަށް ވެވިދާނެ ކަމުގައި ވިދާޅުވެ ޅެމާއި ލަވަޔާއި ބަނދި ހަދަން މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.
ޝަރަފުއްދީން ސްކޫލުގައި މިއަދު ބޭއްވި ޚާއްޞަ އެސެމްބްލީއާއި ބެހޭގޮތުން އޭ އޯ ނިއުސް އަށް މަޢުލޫމާތު ދެއްވުމަށްފަހު އެ ސްކޫލުގެ ލީޑިންޓީޗަރ ޞަފްވާން ޝަފީޤް ވިދާޅުވީ ޅެންވެރިންގެ ދުވަހާއި ގުޅިގެން އަދިވެސް ސްކުލުގައި ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދިވެހިބަހުގެ އެކެޑެމީއާއި ޝަރަފުއްދީން ސްކޫލާއި ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނަށް މި ޖަނަވަރީ މަހުގެ 19 އިން ފެބްރުވަރީ މަހުގެ 6 ގެ ނިޔަލަށް ޅެމާއި ބަންޖާއި ލަވަ ހަދަން ދަސްކޮށްދޭ ވޯކްޝޮޕްތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.