English Edition
Dhivehi Edition

އާއްމުކޮށް ހުޅުވާލައިގެން އޮންލައިން އަދަބީ އީދެއް ބާއްވަން ދިވެހިބަހުގެ އެކެޑަމީން ހަމަޖައްސައިފިއެވެ.

ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވާ ގޮތުގައި އޮންލައިން އަދަބީ އީދެއް ބާއްވަން ހަމަޖެއްސުމުގެ ބޭނުމަކީ ދިވެހި އަދަބު ކުރިއަރުވާ އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްޤީކޮށް ދެމެހެއްޓުމެވެ.

މި އަދަބީ އީދު ޚާއްޞަކޮށްފައިވާ މައިގަނޑު 3 އުމުރު ފުރައަކީ:

10އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ

13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ

17އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާ

އަދަބީ އީދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތްތަކުގެ ތެރޭގައި ބަނދި ކިޔުމާއި، ޅެންކިޔުން، ވާހަކަ ހުށަހެޅުމުގެ އިތުރުން ރައިވަރު ހުށަހެޅުންވެސް ހިމެނެއެވެ.

މިމުބާރާތްތަކުގައި ބައިވެރިވެވޭނީ އެ ކަމަށްޓަކައި އެކެޑަމީން ތައްޔާރުކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށެވެ. އަދި މުބާރާތަށް ހުށައަޅާ އަދަބީ އުފެއްދުންތައް ހުށައަޅާނީ މި އެކެޑަމީގެ 7986230 ނަންބަރުގެ ޓެލެގުރާމަށެވެ. ހުށައަޅާ އަދަބީ އުފެއްދުންތައް ހުންނަން ވާނީ އެމް.ޕީ 4 ފޯމެޓުގައި ލޭންޑްސްކޭޕްކޮށް ކަމަށް އެއެކަޑަމީން ވަނީ އަންގާފައެވެ.

ޓެލެގުރާމަށް ފޮނުވާ އަދަބީ އުފެއްދުމުގައި ކޮންމެ ބައިވެރިއެއްގެ ނަމާއި އެޑްރެހާއި އުމުރުފުރާ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖަހައި ވީޑިއޯއާ އެކު މެސެޖެއް ފޮނުވަން ވާނެއެވެ. އޮންލައިން އަދަބީ އީދުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށައަޅާނެ ސުންގަޑިތަކަކީ:

10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ (28 ޖޫން 2021)

13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ (29 ޖޫން 2021)

17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާ (30 ޖޫން 2021)

މަތީގައި ބުނެވުނު ދުވަސްތަކުގެ މެންދުރު 14:00 ގެ ކުރިން ފފޯމް ހުށަހަޅަން ޖެހޭނެއެވެ. އަދި ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރިވެވޭނީ ގިނަވެގެން 2 މުބާރާތުގައެވެ. މިމުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7986230 އަށް ގުޅާލައްވާށެވެ.