English Edition
Dhivehi Edition

ޝަންގްރިއްލާ ރިސޯޓުން، ސަރުކާރަށް އޮތް ހިއްސާ ދޫކޮށްލުމަށް ވިސްނަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ،

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޑރ.މައުސޫމް ހާޒިރުކޮށްފައިވަނީ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. ޝަންގްރިއްލާ ރިސޯޓް ނުހުޅުވި ލަސްވުމާއި ހުޅުވޭނެ ތާރީހެއް ހާމަކޮށްދިނުމަށް އެދި ޑރ.މައުސޫމް އާއި ސުވާލުކޮށްފައިވާއިރު، މައުސޫމް ވިދާޅުވީ އެހެން ރިސޯޓްތަކާ ހިލާފަށް ޝަންގްރިއްލާ ރިސޯޓަކީ ސަރުކާރުގެ 30 ޕަސެންޓު ހިއްސާ އޮންނަ ރިސޯޓެއް ކަމަށާއި އެހެން ކަމުން ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓެއް ނުހުޅުވި ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޝަންގްރިއްލާ ރިސޯޓް ނުހުޅުވި ލަސްވާ ސަބަބު ހާމަކުރައްވަމުން ޑރ.މައުސޫމް ވިދާޅުވީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ އެއްކޮށް ވެފައިވާ އެގްރީމެންޓްގެ ސަބަބުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރުމަށް ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭކަމަށެވެ. އެގޮތުން 68 މިލިއަން ޑޮލަރު މިހާރު ސަރުކާރުން ލޯން ފައިނޭންސްގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހިފައިވާކަމަށް ޑރ.މައުސޫމް ވަނީ ވިދާޅުވެފައެވެ.

ސަރުކާރަށް އެ ރިސޯޓްގެ ދަރަނިތަކުގައި ބައިވެރިވުމުގެ ގާބިލު ކަމެއް ވެސް ނެތްކަން ފާހަގަކޮށް ޑރ.މައުސޫމް ވިދާޅުވީ ތިރީސް އިންސައްތަ ހިއްސާ އޮވެ ދައުލަތަށް ފައިސާ އެއް ނުލިބި އެހޭ ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ ސަރުކާރުގެ ވިސްނުން އެހެން ގޮތަކަށް ބަދަލުކޮށްފައިވާކަމަށެވެ. މި ގޮތުން ސަރުކާރުން ބޭނުންވަނީ އެ ހިއްސާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ދޫކޮށްލުމަށްފަހު، މި އަހަރު ނިމުމުގެ ކުރިން އެ ރިސޯޓް ހުޅުވަން ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

އިތުރަށް ޑރ.މައުސޫމް ވިދާޅުވީ ޓުއަރިޒަމް ގާނޫނަށް ގެންނަން މަސައްކަތް ކުރާ އިސްލާހުގެ ސަބަބުން ސަރުކާރުގެ 30 ޕަސެންޓު ހިއްސާ ލުއި ގޮތަކަށް އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ގަންނަން މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ޝަންގްރިއްލާ ހުޅެވޭނެ ސީދާ ތާރީހެއް ދަންނަވަން ދަތިކަމަށާއި، ފިނޭންސް މިނިސްޓްރީގެ އިތުރުން އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ވާހަކަ ދައްކައިގެން އެ ރިސޯޓް ވީހާވެސް އަވަހަކަށް ހުޅުވަން މަސައްކަތް ކުރަމުން އަންނަކަމަށް ޑރ.މައުސޫމް ވަނީ ފާހަގަކުރައްވާއެވެ.

އައްޑޫގައި ޝަންގްރިއްލާ ކުންފުނިން ހިންގާ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައިވަނީ ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެންނެވެ،