ޝަންގްރިއްލާގެ އިސްވެރިން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި މެދުއިރުމައްޗާއި، ޔޫރަޕާއި އިންޑިއާ އަދި އެމެރިކާ އަށް ކަނޑައަޅާފައިވާ ޝަންގްރިއްލާ ގްރޫޕްގެ އިސްވެރިޔާ ކަޕިލް އަގަރްވާލް އާއި ޝަންގްރިއްލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ބްރައިސް ލޫނޯ ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި އައްޑޫ ސިޓީގައި ހުޅުވާފައިވާ ޝަންގްރިއްލާގެ ރިސޯޓް ކޮވިޑް ޕެންޑަމިކާއި ގުޅިގެން ބަންދުކުރި ގޮތަށް އަދިވެސް ނުހުޅުވާ އޮތުމުން އެކަމާއިމެދު މަޝްވަރާ ކުރެވުނެވެ. އަދި ޝަންގްރިއްލާ ގްރޫޕްގެ ފަރާތުން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކާއި ގުޅޭ މައުލޫމާތު މިނިސްޓަރު ފައިސަލަށް އެރުވި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ވިއްކާލަން މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އިއުލާނުކޮށްފައިވެއެވެ.
ދިވެހި ސަރުކާރުގެ 30 ޕަސެންޓް ހިއްސާވާ ގޮތަށް ހޮންކޮންގްގެ ބިޔަ ހޮސްޕިޓާލިޓީ ވިޔަފާރި، ޝަންގްރިއްލާއާ ގުޅިގެން 2005 ގައި ހެދި ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީ ކުރި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ 70 ޕަސެންޓު ހިއްސާ ކުރާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ވިއްކާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އެމެރިކާގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕްއާއެވެ.ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފައެވެ.
ކޮވިޑް-19 ފެނުނު ހިސާބުން ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު ވިއްކާލަން ސީބީއާރު ގްރޫޕުން ކުރި އިއުލާނުގައި ހިމަނާފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި އެ ރިސޯޓް ގަންނަ ފަރާތަކަށް ރިސޯޓާ އިންވެގެން އޮންނަ ކުޑަ ފަޅުރަށެއްވެސް ކުއްޔަށް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ ކޮންރަށެއްކަން އެ އިއުލުނާގައި ހާމަކޮށްފައެއް ނުވެއެވެ.
ޝަންގްރިއްލާ ރިސޯޓް ގަންނަން ރާއްޖޭގެ ޕްރައިވެޓް އެއާލައިން، މަންޓާ އެއާ ހިންގަމުން އަންނަ ރިއޯލޯ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
ކޮވިޑްގެ ޙާލަތުގައި 2020 ގެ ޖޫންމަހުގެ ތެރޭގައި ޝަންގްރިއްލާ ބަންދުކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވެއެވެ.
ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗްގައި ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓުން ދެވޭހާ ދުރުގައި އޮންނަ ރިސޯޓެކެވެ. އަދި އެތަން މަޝްހޫރުވެފައިވަނީ މުއްސަނދި ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލެއްގެ ގޮތުގަ އެވެ.