English Edition
Dhivehi Edition
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ބޭނުމަކީ އެމްޑީޕީގައި އަންހެނުންގެ ބާރުވެރިކަން އިތުރު ކޮށް، އެމީހުން ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނެރުންކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ކުރިމަތި ލައްވައިފައިވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް މަހުގެ 16ވާ ހޮނިހިރު ދުވަހު އެމްޑީޕީގެ އިސް މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިހާބުގައި ޗެއާޕާސަންގެ މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމަށް މީހުން އިންތިހާބު ކުރުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވަމުން މިއަދު ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބޭނުމަކީ އެމްޑީޕީގައި އަންހެނުންގެ ބާރުވެރިކަން އިތުރު ކުރުންކަމަށެވެ، އަދި އެމީހުން ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނެރުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އިތުރަށް ރޮޒައިނާ ވިދާޅުވީ ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމަށް ޓަކައި ކުރެވެންހުރި އެންމެ ފުޅާ ދާއިރާއެއްގައި މަަސައްކަތް ކުރައްވާނެ ކަމަށެވެ.

ރޮޒައިނާގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމުގައިވާ ސަފާތު އަހުމަދު ޒާހިރު ވާދަކުރައްވާނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ރޮޒައިނާ އާއި ސަފާތުގެ އިތުރުން އެހެން މެމްބަރަކު އަންހެނުންގެ ރޫހުގެ ރައީސްކަމަށް ކުރިމަތިލައްވާކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.