ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަކީ ރައްޔިތުންގެ އިހުސާސްތައް އެނގޭ އޯގާތެރި ވެރިއެއްކަމަށާ އެމަނިކުފާނަކީ ޓެސްޓްކޮށްފައިވާ ޕްރޮޑަކްޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ އިން ބޭއްވި އުފާވެރި މާލެ ކެމްޕޭން ޖަލްސާގައި ރޮޒައިނާ ވިދާޅުވީ އަންހެނުންނަށް މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި ގިނަ ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ މެނިފެސްޓޯގައި އަންހެނުންނަށް ހިމަނާފައިވަނީ އަންހެނުން އެދުނު ކަންކަން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މި ގޮތުން ރޮޒައިނާ ވިދާޅުވީ މި ސަރުކާރުން އަންހެނުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީފިކަމަށެވެ. އަދި ވިޔަފާރިކުރުމުގެ ފުރުސަތާއި ސިޔާސީ ދާއިރާއަށް ނިކުތުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ވިހެއުމުން މުސާރައާއެކު ހަމަސް ދުވަހުގެ ޗުއްޓީ ހަމަޖައްސައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ހިނގަމުންދާ ފަސް އަހަރަށްވުރެ ކުރިޔަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ މެނިފެސްޓޯ ރަނގަޅުވާނެކަމަށެވެ. އެމެނިފެސްޓޯގައި އަންހެނުންނަށް ހިމަނާފައިވަނީ އަންހެނުން ބޭނުންވެގެން ބުނި ކަންތައްތައްކަން ފަހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ އަންހެނުން ކުޅޭނެ ދަނޑުތައް ނެތްކަމަށް ބުނުމުން އެކަންވެސް މެނިފެސްޓޯގައި ހިމަނާފައިވާނެކަމަށެވެ.
އިތުރަށް ރޮޒައިނާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލަ ތަހައްމަލުކުރަމުންދާ މީހުންނަށް އާސަންދައިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދުމުން އެކަން މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.