English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް - ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަކީ ތެދުވެރި އުސޫލު ދަމަހައްޓާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމާފައިވާކަން އިއުލާންކުރައްވާ ފައްޔާޒު ވިދާޅުވީ އެމަގާމަށް ކުރިމަތިލާން ނިންމެވީ ޕާޓީ އިތުރަށް ހަރުދަނާކޮށް، އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށްކަމަށެވެ.

ފައްޔާޒު އެ މަގާމަށް ކުރިމަތިލާން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ރައީސް ނަޝީދުއަށް ތާއިދުކުރާ ގިނަ ބަޔަކު ވަނީ ފައްޔާޒުއަށް ތާއިދުނުކުރާނެކަމަށް ބުނެ ފާޑުކިޔާފައެވެ. އަދި ފައްޔާޒް އަކީ ރައީސް ނަޝީދުގެ ހިޔާލާއި، އެމްޑީޕީގެ ފިކުރާއި ތަފާތު ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެއްކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު، އޭނާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

މި ފާޑުކިޔުންތަކާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ ފައްޔާޒަށް ތާއިދު ކުރައްވާ ކަމަށާއި ފައްޔާޒަކީ ހިންގުންތެރި ބޭފުޅެއް ކަމަށެވެ. ފައްޔާޒުފަދަ ބޭފުޅަކު ޕާޓީގެ ލީޑާރޝިޕްގައި ހުރުން މުހިއްމު ކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ ފައްޔާޒުގެ އަގުވައްޓާލަން މީހުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އޭނާއަކީ އަކީ ތެދުވެރި އުސޫލު ދަމަހައްޓާ ބޭފުޅެއްކަމަށެވެ.

އެމްޑީޕީގެ އިސް މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.