English Edition
Dhivehi Edition
އިންޑިއާގެ ބޮޑުވަޒީރަށް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ ރައީސް އޮފީސް

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭން ހަރަކާތަށް ފަންޑު ކުރާ ބަޔަކު ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވައިފިއެވެ.

މެންބަރު ނިޔާޒު މިގޮތަށް ހުށަހަޅާފައިވަނީ “އިންޑިއާ އައުޓް” ހަރަކާތުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ކުރާނެ އަސަރުތަކުގެ ދިރާސާއެއް ހަދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމަން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީ ގެ މެމްބަރުން ވަނީ އިންޑިއާ އައުޓް ކެމްޕޭން ހަރަކާތާއި ގުޅޭ ދިރާސާއެއް ހެދުމަށް ތާއިދުކޮށްފައެވެ، އަދި މި މައްސަލަ ދިރާސާކުރަން ނިންމެވުމުން، ދިރާސާ ކުރުމުގައި ބަލާނެ ކަންކަން ފާހަގަކޮށްދެއްވުމަށް ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އެދިވަޑައިގެންފައެވެ،

މި ގޮތުން މެންބަރު ނިޔާޒު ވަނީ މި ހަރަކާތަކީ ވަރަށް އިންޒާމުވެގެން ހިންގާ ހަރަކާތަކަށް ވުމުން ފަންޑު ކުރާނެ ބަޔަކު ހޯދަންޖެހޭ ކަމަށް ވިދާޅުވެފައެވެ. “އިންޑިއާ އައުޓް” ކެމްޕޭން ހަރަކާތަށް ފަންޑު ކުރާ ބަޔަކު ހޯދަން ނިޔާޒު ހުށަހެޅުއްވުމާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު އައްސާން މައުމޫން ވިދާޅުވީ ކޮމިޓީން ހިންގާ ދިރާސާގައި އެކަން ނުބެލޭނެކަމަށް ފާހަގަކޮށްފައެވެ.އަދި އޭރުން ދިރާސާއެއްގެ ބަދަލުގައި ކޮމިޓީން ހިންގަނީ ތަހުގީގީ އިދާރާއަކުން ހިންގަން ޖެހޭ ތަހުގީގެއް ކަމަށް އައްސާން ވަނީ ވިދާޅުވެފައެވެ.

އައްސާންގެ ވާހަކަތަކަށް ތާއިދު ކުރައްވަމުން ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ ކޮމިޓީގެ އެ މަރުހަލާގައި އެ ކަންކަން ބަލަން ޖެހޭ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ކޮމިޓީގެ މެންބަރުންގެ ތާއީދު އޮތް ނަމަ، އެ ކަން ބަލަން ނިންމޭނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ފަންޑު ކުރާނެ ބަޔަކު ހޯދުމުގެ ހުށަހެޅުއްވުމާއި މެދު ގޮތެއް ނިންމެވުން ފަހުގެ ބައްދަލުވުމަކަށް ފަސްކުރެއްވުމަށް އަސްލަމް ވަނީ ނިންމަވާފައެވެ.