އައްޑޫން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް، މި ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލޭގެ ފަރަށް އަރައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ހިތަދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ރަސްމާލޭގެ ފަރަށް އަރައިފައިވާކަމުގެ މައުލޫމާތު ލިބުނީ ރޭ 11:15 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި އެ ވަގުތު ތިބީ ދިވެހި ކައްޕިއަކާއި ތިން ބިދޭސީން ހިމެނޭހެން ޖުމުލަ ހަތަރު މީހުން ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރަށް ފުލުހުން ބުނީ ހާދިސާގެ މައުލޫމާތު ލިބުމާއެކު ކަނޑުމަތީ ފުލުހުންނާއި ސިފައިންގެ ކޯސްޓު ގާޑުން ހަރަކާތްތެރިވި ކަމަށެވެ. އަދި ރަސްމާލޭން ދިޔަ އުޅަނދަކަށް ދޯނީގައި ތިބި ހަތަރު މީހުން ނެގުމަށްފަހު، ކޯސްޓް ގާޑުގެ އުޅަނދެއްގައި އެމީހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެހެން އުޅަނދަކަށް ގެންގޮސްދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ދޯނި ފުންކުރުމުގެ މަސައްކަތް އެ ދޯނީގެ ވެރިފަރާތުން އަންނަނީ ކުރަމުންނެވެ.