English Edition
Dhivehi Edition
މަޖިލިސް

ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅިފައިވާ މީހުންގެ މައްޗަށް އެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމަށްޓަކައި، ގާނޫނުގައި އެކަން ހިމެނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. “މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ ބިލު” ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

މަޖިލީހަށް ހުށަހެޅި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަރުގެ އަދަބު އިއްވާ ކުށްވެރިޔާގެ މައްޗަށް އެ އަދަބު ތަންފީޒުކުރާނީ އޭނާ ދަންޖައްސައިގެންނެވެ. އެގޮތުން ދަންޖެއްސުމަކީ، ކުށްވެރިޔާގެ ފުރާނަ ނެތިކޮށްލުމަށްޓަކައި އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށް ފަހު، އެ މަޅީގައި އެލޭނެ ގޮތް ހެދުން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ދަންޖެއްސުމަށް ބޭނުންކުރާ އާލަތްތަކާއި އެކަން ކުރާ ގޮތަކީ ކުށްވެރިޔާއަށް އެންމެ ވޭން ކުޑަ އަދި އެންމެ އަވަހަށް ފުރާނަ ދާނެ ގޮތަކަށް ވާންޖެހޭނެ އެވެ.

މީގެ އިތުރުން، ދަންޖެއްސުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ އެކަމަށް އެކަށޭނަ ހާއްސަ ތަމްރީނު ލިބިފައިވާ މީހުންނަށް ވާންޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާ ވަގުތު، ޕޮލިސް ކޮމިޝަނަރު ނުވަތަ އޭނާ ކަނޑައަޅާ މީހަކާއި، ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ މީހަކާއި، ކޮމިޝަނަރު އޮފް ޕްރިޒަންސް ނުވަތަ އޭނާ ކަނޑައަޅާ މީހެއްގެ އިތުރުން ޑޮކްޓަރަކު އެ ތަނުގައި ހާޒިރުވެ ހުންނަންވާނެ އެވެ.

އަދަބު ތަންފީޒުކުރުމުގެ މަރުހަލާ އާންމުކުރުމާ ގުޅޭގޮތުން ބިލުގައި ވަނީ ވަރަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު އާންމުކޮށް ފެންނާނެ ތަނެއްގައި އެކަން ކުރުމަކީ މަނާ ކަމެކެވެ. ހަމައެއާއެކު، މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު ނުވަތަ އެ އަޑު އެއްވެސް ސިފައެއްގައި ރެކޯޑުކުރުމާއި، އެ މަންޒަރާއި އަޑު އާންމުކުރުމަކީ ވެސް ގާނޫނީ ގޮތުން މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރެވޭނެ ހާއްސަ ހާލަތްތަކެއް ވެސް ބިލުގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ކުށްވެރިޔާ ބަލިވެއިނދެއްޖެ ނަމަ ވިހައި ގަދަވެ ދަރިފުޅަށް ދެ އަހަރު ފުރެންދެން، އަދި ތުއްތު ދަރިއަކު އޮތް އަންހެނެއް ނަމަ ދަރިފުޅަށް ދެ އަހަރު ވަންދެން ފަސްކުރުން ހިމެނެ އެވެ. މީގެ އިތުރުން، ކުށްވެރިޔާގެ ސިއްހީ ނުވަތަ ނަފްސާނީ ހާލަތު އާދަޔާ ހިލާފަށް ދަށްވެފައިވާ ނަމަ އެ ހާލަތު ރަނގަޅުވަންދެންނާއި، ހުކުމް މުރާޖައާކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ނަމަ ވަކި ގޮތެއް ނިމެންދެން އަދަބު ތަންފީޒުކުރުން ފަސްކުރަން ޖެހެ އެވެ.