English Edition
Dhivehi Edition
މަޖިލިސް

ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ކުރުމާއި، ދައުލަތަށް ހިޔާނާތްތެރިވުން އަދި ވަކި ދީނަކަށް ނުވަތަ ގައުމަކަށް ވީތީ ނަފްރަތު އުފެއްދުން ބޮޑު ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.

މި އިސްލާހުގެ ދަށުން ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތައް ކުރުމާއި ދައުލަތަށް ހިޔާނާތްތެރިވުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތުގައި ވަކި ހާއްސަ ބާބެއް ހިމެނުމަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެފަދަ ކަމަކަށް ފަރުވާލެއް ނެތި، މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ކޮމްޕިއުޓާ ސިސްޓަމްތަކަށް ގެއްލުންދިނުމާއި، އަސާސީ ހިދުމަތްތައް މެދުކަނޑުވާލުމުގެ އިތުރުން، ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުގެ ހިންގުން ހުއްޓުވުމަށް ކުރާ އަމަލުތަކަކީ ޖިނާއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފަ އެވެ.

ދައުލަތަށް ހިޔާނާތްތެރިވުމުގެ އަމަލުތަކުގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވަނީ ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުމާއި، އެފަދަ ބަޔަކާ ބައިވެރިވެ ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައިވިޔަސް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން އިސްލާމްދީނާ ދެކޮޅު އަމަލުތަކުގެ އަދަބު ބޮޑުކުރުމަށްޓަކައި، ގަތުލުއާންމުގެ ނަމުގައި ވެސް ގާނޫނުލްއުގޫބާތަށް އާ ބާބެއް އިތުރުކުރުމަށް ސަރުކާރުގެ މި ބިލުގައި ވަނީ ހިމަނާފަ އެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ހިންގާ އަމަލުތަކަކީ ވެސް ކުށެކެވެ. މީގެ ތެރޭގައި އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުމާއި، ބޮޑެތި އަނިޔާތަކާއި ނަފްސާނީ އަނިޔާ ދިނުމާއި، އެ މީހުން ޖިސްމާނީ ގޮތުން ހަލާކުވެދާނެ ހާލަތްތައް ކުރިމަތިކުރުވުމުގެ އިތުރުން ދަރިން އުފަންވިޔަނުދިނުމަށް ފިޔަވަޅު އެޅުމާއި ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތްތަކަށް ބަދަލުކުރުން ހިމެނެ އެވެ. އަދި މިފަދަ ކަމަކަށް ފާޅުގައި ގޮވާލުމަކީ ވެސް ޖިނާއީ ކުށެއް ކަމަށް ބިލުގައިވެ އެވެ.

މި ބިލު ހުށަހެޅީ ރާއްޖެއިން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ އިންޓަނޭޝަނަލް މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި ބިލުގައި ބަޔާންކުރާ އެއްވެސް ކުށެއް ސާބިތުވެއްޖެ މީހަކަށް އެ ކުށަކަށް ކަނޑައެޅޭ އަދަބުގެ އިތުރުން، އެ މީހަކު ދައުލަތުގެ އެއްވެސް ވަޒީފާއަކަށް ނުވަތަ މަގާމަކަށް ދެން އައްޔަން ނުކުރެވޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.