އައްޑޫ މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ފޯރިގަދަ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން މީދޫ ފެލްކަން ޓީމުން ހޯދައިފިއެވެ.
ފެލްކަން ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުގެރޭ މީދޫ ފުޓްސަލް ޓާފް ދަނޑުގައި ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގައި ހިތަދޫ މައިލޯ ސިޓީއާ ވާދަކޮށް 20-14 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެ ދެ ޓީމަށް ފޯރިއާއެކު ސަޕޯޓްކުރަމުންދިޔަ މި މެޗު ފެށުނީއްސުރެ ނިމެންދެން ވެސް މޮޅަށް ކުޅެ މެޗުގެ ލީޑު ދަމަހައްޓަމުން ގެންދިޔައީ ފެލްކަން ޓީމުންނެވެ.
ފައިނަލް މެޗުގެ ކުޅުން ނިމުމާއެކު، މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ވަކިވަކި ކުޅުންތެރިންނަށް ޓްރޮފީއާއި މެޑަލް އަދި ހަނދާނީ ލިޔުން އަދި ޗެމްޕިއަންޓީމަށާ ރަނައަޕްޓީމަށް ފައިސާގެ އިނާމާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރަށް އެކިފަރާތްތަކުން މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރީންނަށާ ގޯލްކީޕަރަށް ހުށަހަޅާފައިވާ ގިފްޓްޕެކްތަކާއި ފައިސާގެ އިނާމްވެސް ކުޅުންތެރީންނާއި ވަނީ ހަވާލް ކުރެވިފައެވެ
މި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަކީ:
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ: ސުދާ ކާމިލް (މީދޫ ފެލްކަން)
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ސުދާ ކާމިލް (މީދޫ ފެލްކަން)
އެންމެ އުއްމީދީ ކުޅުންތެރިޔާ: އަނާ ހަސަން (މީދޫ ފެލްކަން)
އެންމެ މޮޅު ގޯލްކީޕަރު: އަނޫޝާ (މީދޫ ފެލްކަން)
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން:
ފާތުމަތު ޒަހުވާ އަހުމަދު (ފޭދޫ ކްލަބް ޗެލެންޖާސް)
ހައްވާ ސައުސަން (މީދޫ ފެލްކަން)
ނޫރާ ޖަލީލު (މައިލޯ ސިޓީ)
ސުދާ ކާމިލް (މީދޫ ފެލްކަން)
މަރިޔަމް ސުހާ ސައީދު (މައިލޯ ސިޓީ)
މަރިޔަމް ޒަހާ ޒާހިރު (ހުޅުދޫ ހުވަގު ޓީމް)
މީގެ އިތުރުން، މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށާއި އެންމެ މޮޅު ގޯލްކީޕަރަށް ޚާއްޞަ އިނާމުތަކެއް ވަނީ ދެއްވާފައެވެ. އެގޮތުން “ޒެޑް ކަލެކްޝަން” ގެ ފަރާތުން ހުށަހެޅި ގިފްޓް ޕެކް އެ ކުޅުންތެރިންނަށް ހަވާލުކޮށްދެއްވީ އެ ފިހާރައިގެ ވެރިޔާ ހައްވާ ޒާހިރާއެވެ. އަދި މިނިސްޓްރީ އޮފް ޔޫތުގެ ޕޮލިޓިކަލް ޑިރެކްޓަރު ފޭދޫ ނުސްރާ އިބްރާހިމްގެ ފަރާތުން އެންމެ މޮޅު 6 ކުޅުންތެރިންނަށާއި އެންމެ މޮޅު ކީޕަރަށް ދެއްވި ހަދިޔާއާއި ފައިސާގެ އިނާމު ވެސް ވަނީ އެ ފަރާތްތަކާ ހަވާލުކުރައްވާފައެވެ. މި އިނާމުތައް ކުޅުންތެރިންނާ ހަވާލުކޮށްދެއްވީ ނުސްރާ އިބްރާހިމެވެ.
މިއީ އައްޑޫ މީދޫގައި އަންހެނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ ފޯރިގަދަ މުބާރާތެކެވެ.



