English Edition
Dhivehi Edition

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވި މައްސަލަ ބަލަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލެއްކަމަށެވެ. އެހެން ނަމަވެސް ހެލްތު މިނިސްޓްރީން އެ މައްސަލަ ބަލަނީ އެ މިނިސްޓްރީ އަކީ ރާއްޖޭގެ ސިއްހީ ނިޒާމު ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތް ކަމަށްވާތީ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް މިނިސްޓްރީން ބުނީ މި މައްސަލައިގައި ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

ހެލްތް މިނިސްޓްރީން މިހާރު މި މައްސަލަ ބަލަމުން އަންނައިރު، މި ކަމާއި ގުޅިގެން އަދި މިހާތަނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ،

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު، ބަނޑުގައި ރިއްސާތީ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު މީހެއްގެ ސިޒޭރިއަން ހެއްދުމަށްފަހު ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ހޮސްޕިޓަލުން ވަނީ އަންގާފައެވެ. އެހެންނަމަވެސް ސިޒޭރިއަން އަށްފަހު އެ އަންހެން މީހާއަށް ފާހާނާއަށް ނުދެވި، އިތުރު މައްސަލަތަކާއި ކުރިމެތިވެފައިވާއިރު، ފަހުން ބެލުބެލުމުގައި، އެމީހާގެ ގޮހޮރު ބުރިވެފައިވާކަން އެގިގެން ދިޔަކަމަށް އާއިލާއިންވަނީ ބުނެފައެވެ، އަދި މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އާއިލާއިން ވަނީ އެ އަންހެން މީހާގެ ހާލު ވަރަށް ގޯސްކަމަށް ބުނެފައެވެ،