English Edition
Dhivehi Edition
ހުޅުމާލެ

ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ގާއިމުކުރުމަށް ނިންމާފައިވާ 50 އެނދުގެ ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ކޮންޓްރެކްޓަރަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ. ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ފަރުވާ ދިނުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 01:00 ގެ ކުރިން ބިޑް ހުށަހަޅަން ޖެހެއެވެ. މީގެއިތުރުން ބީލަމުގައި ބައިވެރިވުމަށްޓަކައި ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި، މި ބީލަމާ ގުޅޭ މައުލޫމާތު މިނިސްޓްރީގެ ބީލަން ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް ހުޅުމާލެއިން 14،000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައެވެ. ނަފްސާނީ ދާއިރާއިން ދިވެހި ފަންނީ މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިވަގުތު އަތޮޅުތަކުގައި މި ހިދުމަތް ދިނުމަށްޓަކައި ބޭރުގެ ޑޮކްޓަރުން ހޯދައި، އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި ނަފްސާނީ ސިއްހަތުގެ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނައިރު، ޒުވާނުންނަށް ހާއްސަކޮށްގެން “1456” ގެ ނަމުގައި ހޮޓްލައިނެއްވެސް ދާދިފަހުން ވަނީ ތައާރަފުކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު އެކަނިވެސް 10،000 އަށްވުރެ ގިނަ މީހުން ވަނީ ނަފްސާނީ އެކި މައްސަލަތަކުގައި ފަރުވާ ހޯދާފައެވެ. މީގެ ތެރެއިން 8،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށްވާއިރު، މިފަދަ ހިދުމަތްތައް ހޯދާ މީހުންގެ ބޮޑު ބައެއް ހިއްސާކުރަނީ ޒުވާނުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2022 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 20 ޕަސަންޓު މީހުންނަކީ ކޮންމެވެސް ސިފައެއްގައި ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލުކުރަމުންދާ ފަރާތްތަކެވެ. އެހެންކަމުން، ހުޅުމާލޭގައި އަލަށް ބިނާކުރާ މި ހޮސްޕިޓަލާއެކު މި ބައްޔަށް ފަރުވާ ހޯދުމުގައި އާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.