އައްޑޫ ސިޓީގައި ހަލުވިކަމާއެކީ ބޭރަށްހިނގުން އިތުރު ވަމުންދާތީ ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އެދިފިއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެހޮސްޕިޓަލްގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އައްޑޫސިޓީގައި ބޭރަށް ހިނގުން އިތުރުވެފައިވާކަން ވަރަށް ބޮޑަށް ރެކޯޑް ކުރެވިފައި ވާކަމަށެވެ.
ބޭރަށްހިނގާ މީހެއްނަމަ އެހެން މީހުންގެ ރައްކާތެރިކަމަށް އެދުމަށް ވެސް ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.
އަދި ބޭރަށް ހިނގާ މީހެއްނަމަ ގިނަގިނައިން ލޮނުޕެކެޓް (އޯ.އާރު.އެސް) ، ފެން އަދި ސޫޕާއި ކުރުނބާފެން ފަދަ ދިޔާތަކެތި ގިނަގިނައިން ބޭނުންކުރުމަށް ހޮސްޕިޓަލުން އެދެއެވެ.
ގިނަގިނައިން އަތްދޮވުމާއި ކުޑަކުދިންގެ ނެޕީ ބަދަލުކޮށް ނިމުމުން ސައިބޯނި ލައިގެން އަތްދޮވުމާއި ރައްކާތެރިކޮށް ނެޕީ ނައްތާލުމާއި، ފާހާނާ ކުރުމަށްފަހު ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި، ފެނާއި ކާނާ ރައްކާތެރި ގޮތުގައި ބޭނުން ކުރުމަށް ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.
3 ދުވަސް ވަންދެން 24 ގަޑިއިރު ތެރޭގައި 3 ފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވުން ނުވަތަ ބޭރަށް ހިނގުމުގެ އަލާމާތް ތައް އިތުރަށް ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލުން އެދެއެވެ.
ބޭރަށް ހިނގުން އިތުރަށް ފެތުރިޔަ ނުދިނުމަށް ބޭރަށް ހިނގުމަށްފަހު އަލާމާތް ނުފެންނަތާ ދެދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވާ އަދި ބޮޑެތި މީހުން މި ދެންނެވި ގޮަތަށް މަސައްކަތު ނުނިކުމެ ތިބުމަށް ހޮސްޕިޓަލުން ވަރަށް ބޮޑަށް އެދެއެވެ.