އަތޮޅުތަކުގެ ރަށްރަށުގައި ސިއްހީ ހިދުމަތް ވަރުގަދަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ލެބޯޓަރީގެ ހިދުމަތް ނެތް 76 ރަށެއްގައި އެ ހިދުމަތް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ހެލްތް މިނިސްޓްރީން ބާރަށް ކުރިއަށް އެބަގެންދެއެވެ. ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ރައީސްގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް ބައެއް ރަށްރަށުގައި ހިދުމަތް ދޭން ފަށާފައިވާއިރު، ބާކީ ހުރި ރަށްތަކުގައި ލެބޯޓަރީތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ހެލްތް މިނިސްޓްރީން ބުނީ މި 76 ރަށުގައި ލެބޯޓަރީ ގާއިމްކޮށް، އެތަންތަނަށް ބޭނުންވާ މެޝިނަރީއާއި ޓެކްނީޝަނުން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. މީގެ ސަބަބުން އާންމު ބަލިތަކަށް ކުރަންޖެހޭ ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ދަތުރުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ.
“މީގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ރަށުން ލިބޭނެ ގޮތް ހެދުން،” ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ. މި މަޝްރޫއު ނިމުމުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ބަލިތައް ކުރިއާލައި ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން މި އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގެ ލެބޯޓަރީތަކުގެ ފެންވަރު އެއް މިންގަނޑަކަށް ގެނައުމަކީވެސް މިނިސްޓްރީގެ އަމާޒެކެވެ.