ކޮވިޑް ވެކްސިން ފުރިހަމަ ކުރުމުން، ކޮންޓެކްޓްވި ނަމަވެސް އަލާމާތެއް ނުފެންނަ ނަމަ ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ،.
އެޗްޕީއޭ އިން ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަމަށް ބަލަނީ، ދެ ޑޯޒް ފުރިހަމަ ކުރުމުގެ އިތުރުން ދެވަނަ ޑޯޒް ޖެހިތާ ހަ މަސް ދުވަސް ފަހުން ބޫސްޓަ ޑޯޒް ވެސް ފުރިހަމަކޮށްފައިވާނަމައެވެ. ނުވަތަ ދެ ޑޯޒް ފުރިހަމަ ކުރިފަހުން ހަ މަސް ނުވާ ނަމައެވެ.
މިއަދު އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ، ކޮންޓެކްޓުވާ މީހުންގެ ތެރެއިން ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެނުނު ނަމަވެސް، ޕީސީއާރު ނުވަތަ އެންޓިޖެން ޓެސްޓެއް ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުވާން ނުޖެހޭނެކަމަށެވެ.
ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިވީ ނަމަވެސް ޕޮޒިޓިވް ވެފައިވާ މީހަކާ ބައްދަލުވެފައިވާނަމަ އެ ބައްދަލުވި ދުވަހުން ފެށިގެން ފަސް ދުވަސް ފަހުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މި އުސޫލުގައި އިތުރަށް ބުނެފައިވަނީ ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިވީ ނަމަވެސް ޕޮޒިޓިވް ވެފައިވާ މީހާއާ އެއް ގެއެއްގައި ދިރިއުޅޭނަމަ ކަރަންޓީންގެ މުއްދަތު ހަމަ ކުރަން ޖެހޭނެކަމަށެވެ. އަދި އެކަހެރިވާ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދައި ނެގެޓިވް ނަތީޖާ ލިބެން ދެން ކަރަންޓީނުގައި ހުންނަން ޖެހޭނެކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ ކޮވިޑު ޓެސްޓުކުރުމަށް އެންޓިޖެން ޓެސްޓްގެ ސެލްފު ކިޓެއް ބޭނުންކޮށްގެން ގޭގައި ކޮވިޑަށް ޓެސްޓު ކުރަންވާނީ ބަލީގެ އަލާމާތެއް ހުންނަ މީހުންނަށް ކަމަށެވެ. ނަމަވެސް މި ފަރާތްތަކަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމަންޓް ދޫކުރެވޭނީ ކޮވިޑަށް ޓެސްޓުކުރުމަށް ރަޖިސްޓާ ކޮށްފައިވާ ލެބަކުން ނުވަތަ ސިއްހީ ފަރުވާދޭ ތަނަކުން ކޮވިޑަށް އެންޓިޖެން ނުވަތަ ޕީސީއާރު ޓެސްޓު ހެދުމުން ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އިތުރަށް އެޗްޕީއޭ އިން ބުނީ މި އުސޫލަށް އަމަލުކުރަން ފަށާ ހިސާބުން، މި އުސޫލުގެ ދަށުން ލުއި ލިބޭ މީހުން ކަރަންޓީންގައި ތިބިނަމަ އެ މީހުންގެ ކަރަންޓީން ނިމޭނެ ކަމަށެވެ.