English Edition
Dhivehi Edition
ކްލިނިކެއް

ރޯދަ މަސް ފެށުނު ފަހުން ހުމާއި ބޭރަށް ހިންގުމާއި ޗިކަން ޕޮކްސް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭގެ ބުނީ ގައިން ގަޔަށް އަރާ ބަލިތައް އެޗްޕީއޭއިން ކޮންމެ ހަފްތާއަކުހެން ވަރަށް ގާތުން މޮނީޓާ ކުރާމުން އަންނަކަމަށެވެ.

އެގޮތުން ބެލިއިރު ގައިން ގަޔަށް ފެތުރޭ ބައެއް ބަލިތައް އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ ހަފްތާގައި ރޯގާއާއި ވައިރަލް ހުމާއި ބޭރަށް ހިންގުން އަދި ޗިކަން ޕޮކްސް (ފާނާބަސަންދު) މިދިޔަ ހަފްތާއަށް ވުރެ އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ދުވަސްވަރަކީ ރޯދަ މަހަށް ވެފައި ގިނަ ބަޔަކު އެއް ގެއިން އަނެއް ގެއަށް ރޯދަވީއްލުމަށް ގޮސް އުޅޭކަމަށާއި އެގޮތަށް އެއްވެ އުޅުމުން ވެސް ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު އޮންނާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން ރޯގާ ޖެހި އޭގެ އަލާމަތްތައް ފެންނަ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގައި ދުރުކަން ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހަމަ އެހެންމެ ގިނަގިނައިން އަތް ދޮވުމާއި މާސްކު އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުން, ޑެންގީ ހުމާއި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ އިތުރުން ބޭރަށް ހިންގުމުގެ ކޭސްތައް ޖެނުއަރީ މަހާ އަޅައި ބަލާއިރު މިދިޔަ ފެބްރުއަރީގައި ވަނީ ދަށްވެފައެވެ.

ބަލީގެ އަލާމާތެއް ފެންނަނަމަ ބޭރަށް ނުގޮސް ގޭގައި މަޑު ކުރުމަށާއި އަދި ގިނަގިނަ އިން އަތްދޮވުމާއެކު މާސްކު އަޅައިގެން އުޅުން ފަދަ އާދަތަކުގައި ހިފަން އެޗްޕީއެން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކުޑަކުދިން ބޭރުތެރޭގައި އުޅޭ އިރު ރޯގާ އާއި ހުމުގެ އަލާމާތް ހުންނަނަމަ އަތްދޮވެ މާސްކު އެޅުމާއި ސެނިޓައިޒް ކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އަދި ހޮޓާ ރެސްޓޯރެންޓުތަކުގައި މަސައްކަތް ކުރާ މީހުން އަލާމާތްތައް ފެންނަތާ 48 ގަޑިއިރު ވަންދެން މަސައްކަތަށް ނުނިކުމެ މަޑުކުރުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.