English Edition
Dhivehi Edition
މެނިންގޯކޮކަލް ބަލި

މިއަހަރު ހައްޖަށް ވަޑައިގެންނެވި ޙައްޖުވެރިންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތަކާއި އަދި ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން ވަނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިފައިވާކަން އިޢުލާންކޮށްފައެވެ. އެއެޖެންސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވާގޮތުން މެނިންގޯކޮކަލް ބަލީގެ ކޭސް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. އަދި ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށާފައިވާކަން އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ.މިބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ

‘ކްލޯޒް ކޮންޓެކްޓް’ އެއް ކަމުގައި ބެލެވޭނީ، ބަލި މީހުންނާއި އެއް ގެއެއްގައި ދިރިއުޅޭ މީހުންނާއި، ބަލި މީހާއާއެކު މަތިންދާ ބޯޓުގައި ނުވަތަ ބަހުގައި ވަރަށް ގިނައިރު ދަތުރުކޮށްފައިވާ މީހުންނާއި ބަލި މީހާގެ ކުޅުފަދަ، ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުންކަމަށެވެ.

އިންވޭސިވް މެނިންގޯކޮކަލް ރާއްޖެއިން ފެނިފައިވަނީ، މަޝްހޫރު ފުޓުބޯޅަކުޅުންތެރިޔާ މުޙައްމަދު ޢާރިފު (ބަކާ) ގެ ގައިންނެވެ. ބަކާ ވަނީ، ޙައްޖުގެ މާތް އަޅުކަން އަދާ ކުރުމަށްފަހު އެނބުރި އައިފަހުން، ކުއްލިއަކަށް، ޙާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ނިޔާވެފައެވެ.

މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދެއެވެ. މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގައެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމެވެ.