މެލޭރިއާ ކޭސްއެއް ރާއްޖެއިން ފެނިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖެއިން ނައްތާލާފައިވާ ‘މެލޭރިއާ’ އަށް ބިދޭސީއަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މީގެކުރިން ވެސް އެހެން ގައުމުތަކުން އަންނަ މީހުންގެ ކިބައިން މެލޭރިއާގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. އެފަދަ މީހުންނަކީ ވެކްސިން ފުރިހަމަ ނުކުރާ ގައުމުތަކުން އަންނަ މީހުން ކަމަށެވެ.
“މިބަލި ރާއްޖޭގައި ފެތުރުމުގެ ރިސްކެއް ނެތް. މެލޭރިއާ ފަތުރާ މަދިރި ރާއްޖޭގައި ނޫޅޭ. މިއީ އިމްޕޯޓެޑް ކޭސްއެއް.” އެޗްޕީއޭ އިން ބުންޏެވެ.
ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށްވާއިރު، ރާއްޖެއިން މެލޭރިއާ ނައްތާލާ މެލޭރިއާ ފްރީ ސެޓްފިކެޓާއި ލަގަބު ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ދީފައިވަނީ 2017 ވަނަ އަހަރުއެވެ.
އެއީ 1966 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރާއި ޑަބްލިއު އެޗް އޯ ގުޅިގެން ކުރަމުން އައި މަސައްކަތެކެވެ.