English Edition
Dhivehi Edition

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިން ހުއްޓުވުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ހާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ގާނޫނެއް ފާސްކުރުމަށްޓަކައި، އެގާނޫނުގެ ބިލް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީއިން ފަށާފައިވާއިރު މި ބިލަށް ދީފައިވާ ނަމަކީ “ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް” އެވެ.

ހާރިޖީ ގުޅުމަށް ބުރޫއަރާ ގޮތަށް އަމަލު ކުރާ ފަރާތްތަކަށް ޖަލުގެ އަދަބު ދިނުމާއި ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ބިލުގައި ހިމެނިފައިވާއިރު އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމާއިއެކު މިބިލު މަޖިލީހަށް ހުށަހަޅެމަށް އެމްޑީޕީން އަންނަނީ ތައްޔާރު ވަމުންނެވެ. އެހެންނަމަވެސް މި ބިލް މަޖިލީހަށް ހުށަހަޅާނެ ވަކި ތާރީހެއް އަދި އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީއިން އިސްވެ، މިފަދަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު އިދިކޮޅު ފަރާތްތަކުން ވަނީ މިއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިން ހުއްޓުވުމަށްޓަކައި އެމްޑީޕީއިން ކުރަމުން އަންނަ ކަމެއް ކަމުގައި ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް މި ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް، ވިދާޅުވީ ވަކި ކެމްޕެއިނަކަށް އަމާޒު ނުކުރާ ކަމަށެވެ. އެހެންނަމަވެސް ގާނޫނެއް ހަދާނީ ކަމެއް ދިމާވުމުން ކަމަށް އާޒިމްވަނީ ފާހަގަކުރައްވާފައެވެ. މި ބިލްގެ ޑްރާފްޓިން މަރުހަލާގައި އޮތުމުން އެކަންކަމުގެ އިތުރު ތަފްސީލެއް އެމްޑީޕީއިން ހާމަކޮށްފައެއް ނުވެއެވެ.