English Edition
Dhivehi Edition

ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޮޓޯއާއި ޕާޓީގެ ލޯގޯ ވޯޓު ކަރުދާހުގައި ޖަހަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ހުރިހާ ފަރާތެއްގެ ފޮޓޯއާއި ލޯގޯ ވޯޓު ކަރުދާހުގައިި ޖެހުމަށް މިދިޔަ ހަފްތާގައި އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ފަރާތެއްގެ ލޯގޯއަކަށްވާނީ އެ ޕާޓީއެއްގެ ލޯގޯ އެއްކަމަށް އިސްމާއީލް ހަބީބު ވިދާޅުވިއެވެ. އަދި އަމިއްލަގޮތުން ވާދަކުރައްވާ ފަރާތްތަކަށް އެބޭފުޅަކު ބޭނުންވާ ލޯގޯއެއް ވޯޓު ކަރުދާހުގައި ޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

” އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް، އީސީން ފާސްކޮށްފައިވާ، އެ ކެންޑިޑޭޓަކު ހުށަހަޅާ ލޯގޯ އެއް. އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭއިން، އެއް ކެންޑިޑޭޓެއްގެ ހުށަހަޅާ ލޯގޯ އެއް އަނެއް ކެންޑިޑޭޓަކަށް ބޭނުމެއް ނުކުރެއްވޭނެ. ދެ ލޯގޯ އެއްގޮތް ވެއްޖެނަމަ ފުރުސަތު ލިބޭނީ ކުރިން ލޯގޯ ހުށަހެޅުއްވި ކެންޑިޑޭޓަކަށް.” އިސްމާއީލް ހަބީބު ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ކެންޑިޑޭޓުންގެ ފޮޓޯ އާއި ލޯގޯ ވަނީ ބޭނުންކޮށްފައެވެ. ނަމަވެސް މިއީ ރައްޔިތުން މަޖިލީހުގެ އިންތިހާބެއްގައި ފޮޓޯ އާއި ލޯގޯ ބޭނުން ކުރާނެ ފުރަތަމަ ފަހަރެވެ