English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިކަމަކީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި މަޝްރޫޢު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށްވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ،

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ނޫސްވެރިންގެ ބައްދަލުކުރެއްވުމެއް ބާއްވާފައިވާއިރު މި ބައްދަލުކުރެއްވުމުގައި ކަމާ ގުޅޭ ވަޒީރުންވަނީ މި ނިންމެވުމުގެ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އައިއޭއީއޭގައި ބައިވެރިވުމަށް ކެބިނެޓުން ނިންމާފައިވަނީ ރާއްޖޭގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތުގައި އެހީ ހޯދުމަށްކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ 178 ގައުމު ބައިވެރިވާ އެ އޭޖެންސީގައި މިހާރު މި ސަރަހައްދުން ބައިވެރިނުވެ އޮތީ ރާއްޖެއާއި ބޫޓާން އެކަނި ކަމަށެވެ.