English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ހުސްވުމުން ޖުމްލަ މެމްބަރުންގެ އަދަދު މާނަ ކުރާނެ ގޮތް ބަޔާންކޮށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ބާތިލު ކުރަން ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަން ޖެހޭނީ ހުސްވެފައިވާ ގޮނޑިތައް ވެސް ހިމަނައިގެންކަމަށް ހުކުންކޮށްފައެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، ހުސްވި ގޮނޑިތައް ނުހިމަނައި މަޖިލީހުން މެމްބަރުންގެ އަދަދު ގުނާ ގޮތަށް ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ނަމަވެސް، މަޖިލީހުން އަމިއްލައަށް އެ އިސްލާހު ބާތިލުކޮށްފައިވާތީ އެކަމުގައި މިހާރު އަޅާނެ ފިޔަވަޅެއް ނެތް ކަމަށް ހުކުމުގައިވެއެވެ. މިހުކުމުގައި އިތުރަށް ބުނެފައިވަނީ ހުސްގަނޑިއެއްގެ ފަރާތުން ވޯޓެއް ނުލިބުނަސް ހުސްގޮނޑިއެއް ހުރި ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި އެ ގޮނޑިއެއްގެ ފަހަތުގައި އެތައް ހާސް ރައްޔިތުން ތިބޭނެކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މި ގޮތަށް ނިންމަވާފައިވާއިރު، މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަޒްމިރަލްދާއެވެ.