English Edition
Dhivehi Edition
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

އެމެރިކާއިން، ރާއްޖެއަށް ވެކްސިން ހަދިޔާ ކުރުމުން އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލެންކަން އަށާއި ސަރުކާރަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފި އެވެ.

ކޮވިޑް19 ގެ ބަލި މަޑުކަމުން ސަލާމަތްވުމަށް އެމެރިކާއިން ވެދެމުންދާ އެހީތެރިކަން ފާހަގަކޮށް ޝާހިދު ވިދާޅުވެފައި ވަނީ، އިއްޔެ އެގައުމުން ހަދިޔާކުރި ވެކްސިންތަކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެމެރިކާގެ އެމްބަސީން ބުނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ފައިޒާ ވެކްސިންގެ 210،600 ޑޯޒު ކަމަށެވެ. އެމެރިކާ އެމްބަސީން ބުނެފައިވަނީ ކޮވިޑް ބަލިމަޑުކަން ނިމުމަކަށް ގެނައުމަށާއި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެގައުމު ދެމިއޮންނާ ކަމަށެވެ.

މީގެކުރިންވެސް އެމެރިކާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ސާމާން ވަނީ ހަދިޔާކޮށްފައެވެ. މި ގޮތުން އެގައުމުން ވަނީ ރާއްޖެއަށް 440،000 ޑޯޒްގެ ފައިޒާ ވެކްސިނާއި ހަތް މިލިއަން ޑޮލަރުގެ ކުއްލި ހާލަތުގައި ބޭނުން ކުރާ ވަސީލަތްތަކާއި ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދީފައެވެ.