English Edition
Dhivehi Edition

އިޒްރޭލަށް ޝަރުތުކާނުލައި ތާއީދު ކުރުމަކީ ދުނިޔޭގެ މައިދާނުގައި އެމެރިކާ ބަލިކަށިވެ، ދުނިޔޭގެ އުސޫލުތަކަށް ވަކާލާތުކުރުމުގައި “ނާކާމިޔާބު” ވެފައިވާކަމުގެ ހެއްކެއްކަމުގައި އަރަބި އެމެރިކަން އެންޓި ޑިސްކްރިމިނޭޝަން ކޮމިޓީ (އޭޑީސީ) އިން ބުނެފިއެވެ.

އޭޑީސީ އިން ބުނީ އިޒްރޭލުން، ގާޒާގައި ހަ މަސް ދުވަސް ވަންދެން ނަސްލެއް ނައްތާލުމަށް ހިނގި ލާއިންސާނީ ހަމަލާތަކަށް އެމެރިކާ އާއި ބައިނަލްއަގްވާމީ ގާނޫނުތަކުން، މުޅިން ފަރުވާކުޑަކޮށްލުމަކީ މިއަދު މި ސަރަހައްދުގައި ނުރައްކާތެރި ހާލަތު ގޯސްވުމުގެ ބޮޑު ސަބަބެއްކަމަށެވެ. އަދި އަދަބު ނުލިބުމާއި، އިޒްރޭލަށް ޝަރުތުތަކާ ނުލައި ތާއީދު ދިނުމުގެ އެމެރިކާގެ ދިގުދެމިގެންދާ ސިޔާސަތަކީ، ސަރަހައްދީ ހަނގުރާމައެއްގެ ތެރެއަށް ގެންގޮސްފައިވާ ސަބަބު ކަމުގައި އޭޑީސީ އިން ވަނީ ބުނެފައެވެ.

އެމެރިކާއިން އިޒްރޭލަށް ތާއިދުކޮށް، ގާޒާގެ މުސްލިމުންނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގައި އިޒްރޭލަށް ވާގިވެރިވަމުން އަންނައިރު އެމެރިކާއިން ވަނީ އިރާނުގެ ހަމަލާ އާއި ގުޅިގެން ބާރުތައް ހިމާޔަތްކޮށް އިޒްރޭލުގެ ދިފާއުގައި ތެދުވުމަށް ފަސްނުޖެހޭނެ ކަމަށް ބުނެފައެވެ.

އިރާނުން އޮޕަރޭޝަން “ހައްޤު ވައުދު”ގެ ނަމުގައި އިޒްރޭލާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު އިރާނުން ވަނީ އިޒްރޭލަށް ވައިގެ ސަރަހައްދު ހުޅުވާލާ ކޮންމެ ގައުމަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ.