ހާރިޖިއްޔާ އަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމާއެކު އެއިރެއްގައި ހުންނަވާ ރައީސްއެއްގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުގެ މަސައްކަތުގެ އެންމެ މަތީ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ ކަމުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަށް ފޮނުވި މަރުހަބާގެ ސިޓީގައި ޝާހިދު ވިދާޅުވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒަކީ 90 އަހަރުގެ ދިގު މާޒީއެއް އޮތް ވުޒާރާއެއް ކަމަށެވެ.
އިތުރަށް ޝާހިދު ވިދާޅުވީ މި ވުޒާރާއަކީ ދިގު ތާރީހެއް ތެރެއިން އުފެދިފައިވާ އުސޫލުތަކާއި ބައިނަލްއަގްވާނީ ޑިޕްލޮމެޓިކް ހަމަތާއި އުސޫލުތަކުގެ ތެރެއިން ހިނގަމުން އައިސްފައިވާ މިހާރު ވަކި ގާނޫނެއްގެ ހިޔާވަހިކަމުގެ ދަށުން ހިނގަމުންދާ ވުޒާރާއެއްކަށެވެ.
ދިވެހި ހާރިޖިއްޔާގައި މިހާރު ތިއްބެވި މުވައްޒަފުންނަކީ މި ވޭދުވެދިޔަ ފަސް އަހަރު ދުވަހު ކުރި މަސައްކަތުގައި އެހީތެރިކަން ދެއްވި ޕްރޮފެޝަނަލް، އަދި ކަމަށް ގާބިލު ހީވާގި އިހްލާސްތެރި މުވައްޒަފުންތަކެއް ކަމުގައި ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ހާރިޖީ ދާއިރާއިން ހޯދާފައިވާ ކުރިއެރުމެއްވާނަމަ އެކުރިއެރުމެއް ހޯދިފައިވަނީ މި ޓީމުގެ ސަބަބުން ކަން ފާހަގަކޮށް ޝާހިދު ވަނީ މޫސާ ޒަމީރު އަކީ ވަޒީރުކަމުގެ މަގާމަށް ނުހަނު ގާބިލް އަދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުން ޒަމީރުގެ ލީޑާޝިޕާއި އިރުޝާދުގެ ދަށުން ޓީމް ހާރިޖީއިން ދިވެހި ރާއްޖެ ބައިނަލްއަގްވާމީ އާ އުސްމިންތަކަށް ގެންގޮސްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.