އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ކޮމަންޑޫއަށް ވަޑައިގެންފިއެވެ.
އެމްޑީޕީ ކެންޑިޑޭޓްގެ ކެމްޕައިނަށް ނިޒާރު ކޮމަންޑޫ އަށް ފުރާ ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.މޭޔަރުގެ އިތުރުން، މި ދަތުރުގައި އެމްޑީޕީގެ އިސް ބައެއް މެމްބަރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ،
އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނުގައި މިއަދު ހަވީރު ކޮމަންޑޫގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް އޮތް ހަމައެކަނި ހައްލަކީ އެމްޑީޕީގެ ފިކުރު ކަމަށެވެ. އިތުރަށް ނިޒާރު ވިދާޅުވީ ލާމަރުކަޒުކޮށްގެން އަތޮޅުތަކުގެ ހިންގުމާއި އަދި ރައްޔިތުންގެ އުއްމީދާއި ދުރަށް ދެވޭ އުސޫލުތަކަށް ތާއީދު ކުރެވެން ނެތް ކަމަށެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރިއާއި އެކު ކުރިއަށްދާއިރު މި އިންތިހާބުގައި 3 ޕާޓީ އަކުން ވާދަކުރާނެއެވެ. މި ގޮތުން މި އިންތިހާބުގައި ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް އެވެ.
މި ތިން ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ އިސް ލާޑަރުންވެސް މި ދާއިރާގެ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން އަންނައިރު، މި އިންތިހާބުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތުން ވަނީ މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރުމަށް ނިންމާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު މި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނައިރު އެމްއާރްއެމް އިން ވަނީ މި އިންތިހާބުގައި އެއްވެސް ކެންޑީޑޭޓަކަށް ތާއިދުނުކުރަން ނިންމާފައެވެ،