އައްޑޫ ސިޓީގައި ހުންނަ ޒޯން ސްޓޭޑިއަމް މަރާމާތު ނުކޮށްދިން މައްސަލައިގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު، ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެ ސްޓޭޑިއަމްގައި މިހާރު ކުރިއަށް ގެންދާ އިންޓަ ސްކޫލް އެތްލެޓިކްސް މީޓް ރައްމީކޮށް ފެށުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އެތަން މަރާމާތު ނުކޮށް އޮންނަތާ މިހާރު 10 އަހަރު ވެފައިވާ ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ މޭޔަރު ނިޒާރު ވިދާޅުވީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ތަކުރާރުކޮށް އެދިގެންވެސް އެމަސައްކަތް ކުރިއަށް ނުދިޔަކަމަށެވެ. އެ ސްޓޭޑިއަމް އަކީ އައްޑޫއަށް ލިބިފައިވާ އަގު ބޮޑު މުދަލަކަށްވާއިރު، އެތަން ވީރާނާވުމަށް ދޫނުކޮށް މަރާމާތުކުރުން މުހިންމުކަމަށް ނިޒާރުވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީ ސަރުކާރު ނިމިގެންދިޔައީ އެތަނަށް އެއްވެސް ކަމެއް ނުކޮށްދީކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. މިހާތަނަށް އެތަނުގައި ދަވާދުކޮޅެއް ވެސް ލާފައި ނުވާ ކަން ހާމަކުރެއްވިއެވެ.
މި ސަރުކާރުން ވަރަށް އަވަސް މަސައްކަތެއްގެ ގޮތުގައި އެތަން މަރާމާރުކޮށްފައިވާކަން ފާހަގަކުރައްވައި ނިޒާރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއުއަށް ހާއްސަ ޝުކުރެއް ވެސް ދަންނަވާފައެވެ.
“އެ ސްޓޭޑިއަމްގެ ވިނަގަނޑު ވަށައިގެން ދުވުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ސިންތެޓިކް ޓްރެކެއް އަޅައި ދިނުމަށް ކުރީގެ ދެ ސަރުކާރުގައި ވެސް އައްޑޫގެ ކައުންސިލުން އެދިފައިވާނެ.” -މޭޔަރު ނިޒާރު-
ސިންތެޓިކް ޓްރެކް އަޅައިދިނުމަށް ނިޒާރު ވަނީ މި ސަރުކާރުގައިވެސް އެދިލައްވައިފައެވެ.
މީގެ އިތުރުން އައްޑޫސިޓީން ގޯތި ދިނުން ލަސްވާ ސަބަބާމެދުވެސް އޭނާވަނީ ވާހަކަ ދައްކަވާފައެވެ.
އައްޑޫ ސިޓީގެ ފޭދޫގެ ގޯތި ދޫކުރަން ގުރު ނެގުން ލަސްވީ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް ވެސް އެ ޖަލްސާގައި ވާހަކަދައްކަވަމުން ނިޒާރު ވަނީ ވިދާޅުވެފައެވެ. މޭޔަރު ނިޒާރު ވިދާޅުވީ ފޭދޫން ގޯތި ދޭ ލިސްޓަށް ބަދަލެއް ނުގެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ތައްޔާރީތައް ވެވިއްޖެނަމަ މި ހަފްތާގެ ބުރާސްފަތި ދުވަހު ފޭދޫގެ ގުރު ނެގޭނެކަމަށެވެ. އައްޑޫން ގޯއްޗަށް އެދި ހަތަރުހާސް އަށް ވުރެ ގިނަ މީހުން ކުރިމަތިލިފައިވެއެވެ.