ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދެ ދައުވާގެ ހުކުމް އިއްވުން މި އަހަރުގެ ނޮވެމްބަރު މަހުގެ 25 ހިސާބުގައި ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ދައުވާކުރަނީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ދައުވާއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލް ހިއްސާކުރައްވާފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުއެވެ، އެއީ މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ވ. ފެލިދޫ، ހަނދުވަރީގޭ، ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ބާއްވާ އަޑުއެހުމެކެވެ. މިއަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހާއި 24 ވަނަ ދުވަހު އަދި މާޗް 15، އޭޕްރީލް 14 އަދި މެއި 15 ގައި ވެސް މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މެއި މަހުގެ 15 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި މި މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެއެވެ،
މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު މި މައްސަލައިގެ ޝަރީއަތް ފަށާއިރު، ޖުލައި 21، ސެޕްޓެމްބަރު 15، ސެޕްޓެމްބަރު 21، ސެޕްޓެމްބަރު 25 ވަނަ ދުވަހު އޮންނާނީ ހެކި ބަސް ނެގުމާ ގުޅޭ ޝަރީއަތްތަކެވެ. މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުން 25 އޮކްޓޯބަރުގައި ބޭއްވުމަށް ނިންމާފައިވާއިރު މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ ނޮވެމްބަރު 25 ގައެވެ.