English Edition
Dhivehi Edition

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން މުޅި ދުނިޔެއަށް ހުޅުވާލައިގެން “މޯލްޑިވްސް މޯމަންޓްސް2024″ގެ ނަމުގައި ރާއްޖެ އިޝްތިހާރުކުރުމަށް މުބާރާތެއް ފަށައިފިއެވެ.

މުބާރާތް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އެ ހަރަކާތުގެ އަމާޒަކީ ބައިވެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން ރާއްޖޭގެ ހިތްގައިމު ރީތިކަމާއި މުއްސަނދި ސަގާފަތާއި ރާއްޖޭން ފަތުރުވެރިންނަށް ލިބެން ހުރި ތަފާތު ތަޖުރިބާތައް މުޅި ދުނިޔެއަށް ދައްކާލުން ކަމަށް ވެސް ބުންޏެވެ.

މި މުބާރާތުގެ ތެރެއިން ރާއްޖޭގެ ހިތްގައިމު ފޮޓޯތައް ނުވަތަ ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި “މޯލްޑިވްސްމޫމަންޓްސް2024” ހޭޝްޓެގް ބޭނުންކޮށްގެން ހިއްސާކުރާއިރު ކުރު ތަފްސީލެއްވެސް ހިއްސާކުރަން ޖެހެއެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ނަލަކަން ދައްކުވައިދިނުމަށް ހިތްވަރުދޭކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި އުމުރުން 18 އަހަރުފުރިފައިވާ ކޮންމެ މީހަކަށް ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ވެސް އޮރިޖިނަލް ތިން އެންޓްރީއެއް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން، ފޮޓޯތައް ހުށަހަޅަން ޖެހޭނީ 1:1 ރޭޝިއޯއެއްގައި އަދި ވީޑިއޯތައް ހުންނަން ޖެހޭނީ ދިގުމިނުގައި 60 ސިކުންތަށް ވުރެ ދިގު ނޫން 16:9 ޕޯޓްރެއިޓް ފޯމެޓެއްގައި ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މި މުބާރާތުން އެއްވަނައަށްދާ ނަސީބުވެރިފަރާތަކަށް 4 ރޭގެ ހާއްސަ ޗުއްޓީއެއް ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްއިން ލިބޭނެއެވެ. އަދި ނަސީބުވެރި ފަރާތުގެ ހުށަހެޅުން ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކާއި އެހެނިހެން ޕްރޮމޯޝަނަލް ހަރަކާތްތަކުން ފެންނާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.