ބޮލީވުޑުގެ ގިނަ އަދަދެއްގެ ތަރިންނާއި އެކު ރާއްޖެ އިސްތިހާރުކުރުމުގެ ހަރަކާތެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ބާއްވައިފިއެވެ.
‘މޯލްޑިވިއަން ނައިޓް’ ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ފޯ ސީޒަންސް ހޮޓެލް މުމްބާއީގައި 100 އަށް ވުރެ ގިނަ މަޝްހޫރު ސެލެބްރިޓީން އަދި އިންފްލުއެންސަރުންނާއި އެކުގައެވެ.
މީގެ ތެރޭގައި ފަރާހް ޚާން، މޯނީ ރޯއީ، ފަރްދީން ޚާން، ވިހާން ސަމަތް، އަންގަދް ބެދީ، މަންދާނާ ކަރީމީ، ޝްރެޔާ ޕިލްގާއޮންކަރް، ޝަޝާންކް ސަންގާވީ، ރިޗީ ޝާހް، ރުޗީ ސޯނީ، ޝިފާ މާޗަންޓް، ރާހުލް ޖަގްތިއާނީ، ތޯމަސް ޕަސްކަލް، މޮނިޝާ، ބްރިންދާ ޝާހް، ސްޓެފަނީ ޓިމިންސް، ޕަރޭޝް، ސަލްމާން މާޗަންޓް، އަދި މިނޫންވެސް އެތައް ބަޔަކު ހިމެނުނެވެ.
މިހަރަކާތާއި ގުޅޭ ގޮތުން އެމްއެމްޕީއާރުސީން ބުނީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަށް ވާއިރު، އެޤައުމުގެ މަޝްހޫރު ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުން މުހިއްމު ކަމަށެވެ.
އަދި މި ހަރަކާތުގެ ތެރެއިން އިންޑިއާ މީހުންގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން ހާމަވެގެންދިޔަކަމަށާއި ބޮލީވުޑުގެ ފަންނާނުންނަށް ރާއްޖެއިން ލިބެން ހުރި ތަފާތު އެކި ބާވަތްތަކުގެ ތަޖުރިބާތަކުގެ މައުލޫމާތު މި ހަރަކާތުގެތެރެއިން ހިއްސާކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި ހަރަކާތަކީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން އޯޓީއެމް މުމްބާއީއާ އެކު ސްޓްރެޓެޖިކް ގޮތެއްގައި އިންތިޒާމްކޮށްފައިވާ ހަރަކާތެކެވެ.
މިއީ އިންޑިއާގެ މާކެޓާ ގުޅުން ބަދަހިކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.
‘މޯލްޑިވިއަން ނައިޓް’ ގައި އެތައް މަޝްހޫރު ފަންނާނުންނެއް ބައިވެރިވެފައިވާއިރު، އެ ފަރާތްތަކުގެ ސޯޝަލް މީޑިއާ ޕްލެޓު ފޯމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ،
އެމްއެމްޕީއާރުސީއިން ވަނީ މިއަހަރުތެރޭ އިންޑިއާއިން ރާއްޖެއަށް 3 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި މި އަމާޒު ހާސިލްކުރުމަށް މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.