އިތުރު ލޭން އެއް މަދުވާނަމަ އެ ލޭން ދިރުވާލި މީހަކީ ކުރީގެ ރައީސް ޢަބްދުﷲޔާމީން ނޫން އެހެން މީހަކަށް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
މިކަމާގުޅޭގޮތުން އާޒިމް މިރޭ ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ ބުރިޖްގައި ލޭންއެއް މަދޭ ކިޔައިގެން ރައީސް މުޢިއްޒުގެ އަގު ވައްޓާލުމަށް މަލީހާއި ޖަމީލްމެން ފަދަ ބޭފުޅުން ކިތަންމެ ދޮގު ވާހަކަތަކެއް ފެތުރިޔަސް ދިވެހި ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެކަމަށާއި ޑިޒައިންއާއި އެއްގޮތްވާ ގޮތުގެ މަތިން ބްރިޖްގައި 6 ލޭން ހިމެނޭ ކަމަށެވެ. އަދި އިތުރު ލޭންއެއް މަދުވާނަމަ އެ ލޭން ދިރުވާލި މީހަކީ ރައީސް ޔާމީން ނޫން އެހެން މީހަކަށް ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމް.ޕީ އާޒިމް މިމޭރުމުން ޓްވީޓްކޮށްފައިމިވަނީ ރައީސް މުޢިއްޒު ބްރިޖުން ލޭނެއް ވަގަށް ނަގާފައިވާކަމަށް އަޑުފެތެރިފައިވަނިކޮށެވެ. އެގޮތުން “ސަންގުޓީވީ” އަށް ދެއްވި ޚާއްސަ އިންޓަވިޢުއެއްގައި ރައީސް ވަނީ މިކަމުގެ ހަޤީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ.
މި އިންޓަވިޢުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެއްވެސް އިރެއްގައި ލޭނުގެ އަދަދު ބަދަލުވެފައި ނުވާ ކަމަށާއި އެންމެ ފުރަތަމަ ވެސް އެމަނިކުފާނާއި ހަވާލުވި ހިސާބުން އޮތީ ކޮޅަކަށް 2 ލޭނުކަމަށެވެ. ސައިޑުގައި ދެންއޮތީ ޕެޑެސްޓްރިއަން ނޫނީ ބައިސިކަލް ދުއްވާ ލޭނެއްގެ ގޮތުގައި ކަނޑައަޅާފައި ވާ ލޭނު އިތުރަށް ފުޅާ ކުރުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.