English Edition
Dhivehi Edition
18 ވަނަ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ފޮތް ގާސިމް ނެރެދެއްވަނީ: ފޮޓޯ: ޔޫސުފް ސަފްވާން : ވީނިއުސް

ސަރުކާރުގެ ތެރެއިން ކަންކަން ވާނީ ސަރުކާރާއި ކޯލިޝަންގެ އިސްވެރިން ހިތުގައި ނުޖެހޭނެ ފަދަ ގޮތަކަށް ކަންކުރުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިނަށް ށ، މަރޮށްޓަށް ވޑައިގެންއެ ރަށުގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ގޮތުން ގާސިމް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރައްވާ، އޭނާގެ ކެމްޕޭންގައި ބައިވެރިވުމަށް އެމަނިކުފާނު ނިންމެވީ މިއަދު ވެރިކަމުގައި އޮތީ އެމްޑީޕީ ކަމަށްވެފައި، މިއީ ކޯލިޝަން ވެރިކަމަކަށްވާތި ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ތާއީދު ކުރަންވާނީ ސަރުކާރުގެ ކެނޑިޑޭޓަށް ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެމްޑީޕީން މި ގޮނޑިއަށް ކުރިމަތިލާފައިވަނީ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން މަދުވެގެން ނޫންކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ އެއިރެއްގައި ހުންނަ ރައީސެއްގެ ރުހުމާއި ލޯބި ލިބިގެން ނޫނީ އެއްވެސް ތަނެއްގައި އެއްވެސް ޕްރޮޖެކްޓެއް ނުހިނގާނެ ކަމަށެވެ. އަދި ރަށްރަށް ތަރައްގީ ވަނީ މަޖިލީހުގެ މެންބަރުގެ ޕްލޭނަކުން ނޫން ކަމަށާއި ރަށްރަށް ތަރައްގީ ވަނީ ރައީސެއްގެ ވިސްނުމުން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެހެން ޕާޓީތަކުން ދައްކާ ވާހަކައަކުން އަދި ދޭ ހަދިޔާއެއްގެ ސަބަބުން ވިސްނުން ބަދަލު ނުކުރައްވާ ސަރުކާރާއި އެއްކޮޅަށް ވޯޓު ދިނުމަށް ގާސިމް ވަނީ ގޮވާލާފައެވެ.