ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ނުވެއްޓޭނެ ކަމަށް ވިދާޅުވި ނަމަވެސް މިސަރުކާރު ވެއްޓޭނެ ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ބުރާސްފަތިދުވަހުގެރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒުގެ ގެ ސަރުކާރުން ނުކުރާނަމޭ ވިދާޅުވާ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
“ޕީއެންއެފްގެ ކަންތައްތައް ހިނގިރޭ ރައީސް ވިދާޅުވީ ނުނިދަމޭ. ހަމަޔަގީނުން ވެސް ނިދާފައި އޮންނާނީ. މަސްވެރިންނަށް ދޭ ފައިސާ ކުޑަ ނުކުރާނަމޭ. ހަމަޔަގީނުން ވެސް ކުޑަކޮށްފި. ނޫމަޑީގެ ބަޔާން ނުދެމޭ ނުދޭވާހަކަ ހަމަޔަގީނުން ވެސް ދިން. މާލޭ ރައްޔިތުންގެ ގޯތި ދޭނަމޭ. ހަމަޔަގީނުން ވެސް ނުދޭނެ. ފްލެޓު ދޭނަމޭ. އަދިވެސް ނުދޭ މިއީ ހަގީގަތަށް. އާސަންދަ ކަނޑާނުލާނަމޭ ކަނޑާލައިފި. ދުބާއީއަށް ށޭ ތައިލެންޑަށްށޭ ފޮނުވާނީ އަދިއެއް ނުފޮނުވާ. ޑޮލަރުގެ އަގު މަތިނުވާނެއޭ. ބޮޑުތަނުން މަތިވެއްޖެ. އިންޑިއާ ސިފައިން ނުތިބޭނެއޭ. އެބަ ތިބި. އިންޑިއާގެ ހެލްކަޕްޓަރު ދެން ނުދުހޭނޭ. އެބަ އުދުހޭ. އަޅުގަނޑު ހަމަ ނިންމާލަމުން ބުނާނީ މިސަރުކާރު ނުވެއްޓޭނޭ ވެސް ބުނި. ވެއްޓޭނެ މިސަރުކާރު”ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އިންޑިއާ ސިފައިން ވެސް އެބަތިބި ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާގެ ހެލްކޮޕްޓަރު ނުދުހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ހެލްކޮޕްޓަރު ވެސް އުދުހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.
“މި ސަރުކާރުން ރައްޔިތުން ބިކަކޮށް ނިކަމެތިކުރަމުން ދަނީ ރައްޔިތުންގެ ފަރާތުން ބޭނުންވާ ހުރިހާ ކަމެއް ފުދުމުން . މިއަދު އާދައިގެ ރައްޔިތުން މީހާ ވަޒީފާއިން ވަކިކޮށް ރައްޔިތުން ނިކަމެތި ކުރަމުންދަނީ. މިސަރުކާރުން ދެކެނީ ރައްޔިތުންނަކީ ތަންދޮރު ނުދައްނަ ބައެއްގެ ގޮތުގައި” ނާޒިލް ވިދާޅުވިއެވެ.