English Edition
Dhivehi Edition
ފޮޓޯ:ވަގުތު

ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މަޖިލީސް މެންބަރުންގެ އަދަދު ދައުރަކަށް ފަހު ދައުރެއް އިތުރުވަމުން އަންނަ އައުމަށް ނިމުމެއް ގެނެސް، މެންބަރުންގެ އަދަދު މަދުކުރަން މެންބަރުންގެ ހިޔާލު ހޯދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

އެގޮތުން ގާސިމް ވިދާޅުވީ، މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް މެންބަރުންގެ އަދަދު މަދުކުރަން ހުށަހެޅުމުން އޭރު އޮތް އެމްޑީޕީގެ ސުޕަމެޖޯރިޓީން އެ ހުށަހެޅުން ބޭރުކޮށްލިކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު ތަމުސީލުކުރާ ޕީއެންސީގެ ފަރާތުން މެންބަރުންގެ އަދަދު މަދުކުރަން ހުށަހެޅުއްވުމުން އުފާކުރައްވާކަން ހާމަކުރައްވަމުން ގާސިމް ވަނީ މެންބަރުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރި ނަމަވެސް މެންބަރުންނަށް މިހާރު ލިބޭ ބޮޑު މުސާރަ ކުޑަކުރަން ދެކޮޅު ހައްދަވަމުން ގާސިމް ވިދާޅުވީ މިހާރު މި އޮތީ މަޖިލީސް މެންބަރުންގެ މުސާރަ ކަނޑައަޅަން ޔުނިޓަރީ ދައުލަތެއްގައި އޮންނަންވާނެ އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. މީގެ އިތުރުން އެކަކަށް މެންބަރުކަން ކުރެވޭނީ އެންމެ ގިނަވެގެން ދެ ދައުރުގައި ކަމަށް ކަނޑައެޅުމާ ދެކޮޅު ހައްދަވަމުން ގާސިމް ވިދާޅުވީ އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން އޮންނަ ގޮތް ނޫންކަމަށެވެ.