މި ސަރުކާރުން ފުރަތަމަ ތިން މަސް ދުވަހު ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށާއި, އެއީ އެމްޑީޕީ ސަރުކާރުން ފުރަތަމަ ތިން މަސްދުވަހު ހަރަދުކުރި މިންވަރަށްވުރެ އެތައް ގުނައެއް ބޮޑު މިންވަރެއްކަމަށް, ސަރުކާރު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ކޯލިޝަނުން ވަމުން އަންނަނަ ތައްޔާރީތަކާއި ގުޅޭގޮތުން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ, އެމްޑީޕީ ސަރުކާރުން ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 494 މިލިއަން ރުފިޔާ ކަމަށް. އަދި އެމްޑީޕީން ފުރަތަމަ ތިންމަސްދުވަހުން ލޯން ރިޕޭމަންޓަށް ދައްކާފައިވަނީ 318 މިލިއަން ރުފިޔާ ކަމަށެވެ.
އެމްޑީޕީން ވެރިކަން ކުރިއިރު އިންތިހާބާ ދިމާކޮށް މަޝްރޫއުތަށް އިއުލާންކޮށްފައިވަނީ އެއްވެސް ޕްލޭންއެއް ނެތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މެޝިނަރީއަށް އަޅާ ތެލަށްވެސް ފައިސާ ނުދައްކާ ކަމަށާއި އެކަމުގެ ސަބަބުން ޕްރޮޖެކްޓު ހުއްޓުމުން އަނެއްކާވެސް ކްރެޑިޓަށް ފައިސާ ނަގައިގެން މަޝްރޫއުތަށް ކުރިއަށް ގެންގޮސްފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފައިސާ ނުދިނުމުގެ ސަބަބުން ކޮންޓްރެކްޓަރު މަސައްކަތް ހުއްޓާލުމުގެ މައްސަލަތައް ދިމާވިކަމަށާއި, އެ ފަދަ މައްސަލަތައް ދިމާވުމުން އެހެން ކޮންޓްރެކްޓަރަކަށް މަސައްކަތް ހަވާލުކޮށް އެއްވެސް އުސޫލެއް ނެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަން ހީނާ ހާމަކުރެއްވިއެވެ.
މި ސަރުކާރުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަކަށް 1.1 ބިލިއަން ރުފިޔާ ހޭދަ ކުރައްވާފައިވާކަމަށް ހީނާ ހާމަކުރެއްވިއެވެ. އެމްޑީޕީ ސަރުކާރުން ނަގާފައިވާ ލޯން ރިޕޭމަންޓްތަކަށް ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް 871 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ވާރުތަވި ލޯނުގެ އަދަދު ވަރަށް ބޮޑުކަމަށާއި މިދިޔަ ސަރުކާރަށް ވާރުތަވި ލޯނުގެ ގޮތުގައި ދައްކަންޖެހުނީ ކުޑަ އަދަދެއް ކަމަށެވެ.