English Edition
Dhivehi Edition
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިމްރާހިމް

ރާއްޖޭގައި ޒަމާނީ އަސްކަރީ ޑްރޯން ބޭނުންކުރަން ފެށުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަރުހަބާ ދަންނަވައިފިއެވެ.

ރޭ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އެއީ ދިވެހި ގައުމުގެ މިނިވަންކަމާއި، އިސްތިގްލާލް އަދި ދިވެހި ގައުމުގެ މަސްވެރިކަމަށްޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެ މުހިންމު ބޮޑު މަސްއޫލިއްޔަތު ރައީސްގެ ސަރުކާރުގައި ލަސްނުކޮށް ފެއްޓެވި ކަމަކީ ނުހަނު ތާރީހީ އަދި އެހާމެ ފަހުރުވެރި ނިންމެވުމެއްކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.

“އެކުވެރި ގައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް އަމިއްލައަށް ކުރަންޖެހޭ މިބާވަތުގެ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނެކަމެއް. ގައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ގައުމުގެ ދިފާއަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ގައުމާއިގެން ކުރިއަށް ދިއުމަށް ރައީސް ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް އަމިއްލަ ނަމުގައި އަދި ޖުމްހޫރީ ޕާޓީގެ ނަމުގައި އައްސަރިބަހާ ސާބަސް ދަންނަވަން” ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ މިއީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނޭ މުހިންމު ހިދުމަތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި މަސްވެރިކަމުގެ އުޅަނދުތަކާ، ދިވެހިރާއްޖޭގެ ކަނޑުދަތުރުތަކަށް، އަމާން، ފަހި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް “އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ)” ނުވަތަ އަސްކަރީ ޑްރޯން ތައާރުފު ކޮށްދެއްވުމަކީ ހަމަ ކޮންމެ ދިވެހިރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނަށް ޖެހޭ ކަމެއް ކަމުގައި ގާސިމް ވިދާޅުވިއެވެ. މިއީ ޔަގީނުންވެސް ދިވެހި ގައުމު ތާއަބަދު ފަހުރުވެރިވާނޭ ހިދުމަތެއް ކަމަށް ގާސިމް ވިދާޅުވިއެވެ.