އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލިކަމަށް އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދެ ދައުވާއެއް ހުށަހަޅާފައިވާއިރު، އޭނާގެ މައްޗަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ.
ސާލިމަށް ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރި ބޭނުންކޮށްގެން ކަމަށެވެ. މި ގޮތުން މި ތަކެތި ބޭނުންކޮށްގެން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީފައިވާކަމަށާއި މަހްމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް ދައިވާގައި ވަނީ ބުނެފައެވެ.
ސާލިމް މިކަންކަމަށް އިއުތިރާފްވި ނަމަވެސް ދައުލަތުން ވަނީ މރުގެ މައްސަލައަކަށް ވާތީ ހެކި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ. ދައުލަތުގެ މި ހުށަހެޅުމަށް ދިފާއީ ވަކީލު ވަނީ ކުށަށް އިއުތިރާފްވުމުން އަމަލުކުރާނެ ގޮތް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ޝަރީއަތް ނިންމާފައިވަނީ ސާލިމް މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އަދި ވާރިސުންގެ ހެކި ބަސް ނެގުމަށް 10 ދުވަސް ބޭނުންވާކަމަށް ވަނީ ނިންމާފައެވެ.