English Edition
Dhivehi Edition
ބިދޭސީ މީހާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދު ބަންދުކޮށްފައި -- ސަން ފޮޓޯ

އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މޮނަލާޒް، މަހުމޫދު އަބޫބަކުރުގެ މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އަނިޔާވެރި ގޮތަކަށް މާރާލުމަށްފަހު ބޯކޮޅާއި ދެ ފައިގައި ގޯނި އައްސައި ބޯ ވަތަށް ވަޅަކަށް އެއްލާލާފައި އޮއްވާ މަހުމޫދުގެ ހަށިގަނޑު ފެނުނީ ބުރާސްފަތު ދުވަހުއެވެ. މި މައްސަލައާއި ގުޅިގެން އިއްޔެ ބަންގްލަދޭޝް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ދިރިއުޅެމުން ދިޔަ ގެ ބަލާ ފާސްކޮށްފައިވާއިރު، މަންޒަރު ދުށް ފަރާތްތަކުން ވަނީ އެގެއިން ފުލުހުން ސާމާންތަކެއް ގެންދިޔަ ކަމަށްވެސް ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން އަދި ފުލުހުންގެ އެއްވެސް ތަފްސީލެއް އަދި މީޑިއާއަށް ހިއްސާކޮށްފައި ނުވާއިރު ދަނގެތީ ރައްޔިތުންވެސް ތިބީ އަދިވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ. އަމާންކަމާއި ރައްކާތެރިކަމާއެކު ރައްޔިތުން އުޅެމުން ދިޔަ އެ ރަށުގައި މިފަދަ ރަހްމުކުޑަ ގޮތަކަށް މީހަކު މަރާލުމާއި ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ލިބިފައެވެ.