އދ.ދަނގެތީ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާލިކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެހެން މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އަނިޔާވެރި ގޮތަކަށް މާރާލުމަށްފަހު ބޯކޮޅާއި ދެ ފައިގައި ގޯނި އައްސައި ބޯ ވަތަށް ވަޅަކަށް އެއްލާލާފައި އޮއްވާ މަހުމޫދުގެ ހަށިގަނޑު ފެނުނީ ބުރާސްފަތު ދުވަހުއެވެ. ދަނގެތީގެ ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި މަހުމޫދު މަރާލީ ތޮއްޑޫން އެ ރަށަށް އައިސްގެން އުޅޭ ދެ މީހަކު ވެގެންނެވެ. މި ތުހުމަތު ތަކާއެކު ދަނގެތީ ރައްޔިތުން ނުކުމެ އެ ދެމީހުން ވަނީ ފުލުހުންްނާއި ހަވާލުކޮށްފައެވެ.
އެ ދެ މީހުން ބަންދުކޮށްފަވަނީ މަހުމޫދުގެ މަރުގެ ތުހުމަތުގައިކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު ފުލުހުން ވަނީ އެމީހުން ހައްޔަރުކޮށްފައިވަނީ މަހުމޫދުގެ މަރުގެ މައްސަލަ އާއި ގުޅިގެން ނޫންކަމަށް ބުނެފައެވެ. އެ މީހުން މިހާރު ހައްޔަރުކޮށްފައި ތިބީ ކޮން މައްސަލައަކާ ގުޅިގެންކަން ފުލުހުން ހާމަކޮށްފައި ނުވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަހްމޫދުގެ މަރުގެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
މަހުމޫދު މަރާލިކަމަށް އެ ރަށު ރައްޔިތުން ތުހުމަތުކުރާ މީހުން، ފުލުހުންގެ ހިމާޔަތުގެ ދަށުން އިއްޔެ އެ ރަށުން ބާލާފައިވާއިރު އެ މީހުން ގެންގޮސްފައިވަނީ އެ އަތޮޅު މަހިބަދޫއަށެވެ.