އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ މަހްމޫދުގެ މަރުގެ މައްސަލައިގާ މަހްމޫދުގެ ގާތިލު، ސާލިމް މެރުމަށް ހުކުމް ކޮށްފިއެވެ.
އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މަހްމޫދު އަބޫބަކުރުގެ ވާރިސުން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނުމާއި ގުޅިގެންނެވެ. މިއީ ރާއްޖޭގައި ބިދޭސީއެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ފައިސާގެ ބޭނުމުގައި މަހްމޫދު މަރާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ މައްސަލައިގާ ސާލިމް ބުނެފައިވަނީ މަހްމޫދު މަރާލުމަށް ފަހު، އެ ރަށު ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލި ކަމަށެވެ. އަދި ބަންގްލަދޭޝްގެ ސާލިމް ވަނީ ޝަރީއަތުގައި ކުރިން އެއްބަސްވެފައެވެ.
މަޙްމޫދުގެ މަރުގެ މައްސަލާގައި މައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވަނީ ސާލިމް ކުށަށް އިއުތިރާފްވެފައިވަނީ އެއްވެސް މީހެއްގެ ނުފޫޒުންތޯ ސުވާލުކުރައްވާފައެވެ. އޭގެ ޖަވާބުގައި ސާލިމް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއަށް އެއްބަސްވާކަމަށް ބުނެފައެވެ.
މަޙްމޫދުގެ މަރާއި ގުޅިގެން ޢުމުރުން 29 އަހަރުގެ ސާލިމްގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.
މިދިޔަ އަހަރު އޮކްޓޫބަރު 14 ވަނަ ދުވަހު މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ފުލުހުން ކުރި ތަޙުޤީގު ތެރެއިން އޭގެ ދެދުވަސް ފަހުން، ކޯޓު އަމުރެއްގެ ދަށުން ސާލިމް ހައްޔަރުކުރިއެވެ. އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެއިން މަޙްމޫދުގެ އަންނައުނާއި، ގަޑިފަދަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އޭނާގެ މައްޗަށް ކުށް ކުރިކަން ސާބިތުވާވަރަށް ހެކިލިބިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މަޙުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކުން އޭނާ ފެނުނުއިރު، ތޫނު އެއްޗަކުން ހަމާލާދީ ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ. އަދި ސާލިމް އުޅޭ ގޭގެތެތެރޭގައި މަޙުމޫދަށް ހަމާލާދިނުމަށްފަހު 5 ގަޑިއިރުވަންދެން އެގޭގެތެރޭގައި މަޙުމޫދުގެ ހަށިގަނޑު ބޭއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހުރިހާކަމެއް އޭނާކޮށްފައިވަނީ އިތުރު މީހެއްގެ ބައިވެރިވުން ނެތިކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މަޙުމޫދަށް ހަމަލާދިނުމުގެ ކުރިން ވައްކަމުގެ މައްސަލައެއްގައި މި ބަންގްލަދޭޝް މީހާގެ ބައިވެރިވުން އޮތްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.