English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް އަދިވެސް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އިއްޔެއިން ފެށިގެން ރެޕިޑް ޓެސްޓް ހަދައިދޭން ފަށާފައިވާއިރު ގިނަ ބަޔަކު އަންނަނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ރެޕިޑް ޓެސްޓް ހަދަން އެދެމުންނެވެ. މިކަމާއި ގުޅޭ ގޮތުން އެޗްޕީއޭ އިން ބުނީ ވަގުތުން ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ބޭނުމަށް ރަނގަޅު އެއްޗެއް ނޫން ކަމަށެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ޕީސީއާރް ޓެސްޓުގެ ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ހާރު ހަދާ ރެޕިޑް ޓެސްޓުގެ ނަތީޖާ އަށް ބުރަވެ، ރާއްޖެ އިން އެއްވެސް ތަނަކަށް ދަތުރު ނުކުރެވޭނެކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވާއިރު، އެ އިދާރާއިން ބުނީ ރެޕިޑް ޓެސްޓަކީ ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުން ހަދަން ޖެހޭ ޓެސްޓަކަށް ވެފައި އެއްވެސް އަލާމާތެއް ނެތި ހަދާ ޓެސްޓުގެ ނަތީޖާ ރަނގަޅު ނުވެދާނެކަމަށެވެ.

ރާއްޖޭގައި ކޮވީޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ޕީސީއާރް ޓެސްޓު ހެދުމަށް ގިނަ ބަޔަކު ވަނީ ސެންޓަރުތައް ފުރާލާފައެވެ. މީގެ ކުރިން އެޗްޕީއޭއިން ބުނީ މިހާރު ޓެސްޓުކުރަންޖެހޭ ސާމްޕަލްތަކުގެ ޢަދަދު އިތުރުވުމުގެ ސަބަބުން ނަތީޖާ ލިބުމުގައި ލަސްވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.