English Edition
Dhivehi Edition

ފިއޮންތި ސްޕޯޓްސް އެކަޑަމީގެ ފަރާތުން ގއ.ވިލިނގިލީ ގައި ނެޓްބޯޅަ ކުޅޭ ކުދިންނާއި ޒުވާނުން ތަމްރީން ކުރުމުގެ ހާއްސަ ކޭމްޕެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ހަފްތާއަކު ތިން ދުވަހު ވިލިގިނލި ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ނެޓްބޯޅަ ކޭމްޕްގައި އުމުރުން 8 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރު ފުރާގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އުމުރުން 15 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި ކެމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާއިރު، މަހު ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 350 ރުފިޔާއެވެ،

ފިއޮންތި ސްޕޯޓްސް އެކަޑަމީގެ ހިންގުންތެރިޔާ އައިޝަތު ނާޒިމާ ވިދާޅުވީ، އެ އެކަޑަމީގެ އެންމެ ބޮޑު ޓާގެޓަކީ ޕާރފޯމް ކުރެވޭ ވަރުގެ ކުއްޖަކު ފީލްޑަށް ނެރެދިނުން ކަމަށާއި އެ މަސައްކަތް ފެށިގެން މި ދަނީ އެންމެ ހަގު އުމުރުފުރާއިން ކަމަށެވެ. “އަޅުގަނޑުމެން މި އޯޕެން ކޮށްލަނީ ގްރޭޑް 01 އިން ފެށިގެން ގްރޭޑް 8 ކާ 10 ކާ ހަމައަށް އަދި އޭގެ އިތުރުން ރަށު ތެރޭގަ މި އޯޕެންކޮށްލަނީ ބޮޑެތި މީހުންނަށްވެސް” ނާޒިމާ ވިދާޅުވިއެވެ.

އިތުރަށް ނާޒިމާ ވިދާޅުވީ އޭގެ ތެރެއިން އެކި އެކި މުބާރާތްތައް އެ ރަށުގައިވެސް ބާއްވާނެކަމަށާއި އަދި މާލޭގައިވެސް އެކި މުބާރާތްތައް ކުރިއަށް ދާނެކަމަށެވެ. އެހެންކަމުން އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިން ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޮންނާނެކަމަށް ނާޒިމާ ވިދާޅުވިއެވެ. އިތުރަށް ނާޒިމާ ވިދާޅުވީ މާލޭގައި އޮންނަ މުބާރާތްތަކުން ޤައުމީ ޓީމަށް ކުޅުންތެރިން ސެލެކްޓްކުރެވޭނެކަމަށާއި އެ ފެންވަރަށް ކުޅުންތެރިން ތައްޔާރު ކުރެއްވިއްޖެނަމަ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް އޮންނާނެކަމަށެވެ.

މިހާރު މާލޭގައި ކުޅޭ މުބާރާތްތަކަށް އަތޮޅުތެރެއިން، ކުޅުންތެރިން ގެނެގެންވެސް ގެންދާކަން ފާހަގަކޮށް ނާޒިމާ ބުނީ އެ ފުރުސަތުވެސް ހުޅުވިގެންދާނެކަމަށެވެ، އިތުރަށް ނާޒިމާ ވިދާޅުވީ ކޮންމެ އަހަރަކު އިންޓަނޭޝަނަލް ޓޯނަމެންޓެއް އޮންނާނެކަމަށާއި މީގެތެރެއިން ޓީމެއް ނަގައިގެން ވެސް ޕާރފޯމް ކުރަން ދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުންވެސް ކުޅުންތެރިންނަށް އިތުރު ތަމްރީން ލިބިގެންދާނެކަމަށް ނާޒިމާ ވިދާޅުވިއެވެ.

މި ޕްރޮގްރާމާއި ބެހޭ ގޮތުން ވިލިނގިލި އަންހެނުންގެ ކޮމިޓީގެ ރައީސާ އާމިނަތު ސުހާނާ ނައީމް ވިދާޅުވީ، މި ހަރާކާތުގައި އެ ކޮމީޓީގެ ހިއްސާ އޮންނާނެ ކަމަށެވެ.

މި ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9997866 މި ނަމްބަރަށް ވަޓުސްއެޕް ނުވަތަ ވައިބަރ މެދުވެރިކޮށް ނަން: ސްކޫލް: އުމުރު: ވައިބަރ ނަމްބަރ: ފޮނުވައިދިނުމަށް އެ އެކަޑަމީއިން ވަނީ އެދިފައެވެ.